ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަންނުވެރިންގެ ކުރެހުންތައް ދާއިމީކޮށް ފެންނަ ގޮތް ހަދައިފި

May 21, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ފުންނާބުއުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ނެޝަނަލް އާޓް ގެލެރީ 2005 ވަނަ އަހަރު ހުޅުވީއްސުރެ ގެލެރީގައި ޕާމަނަންޓް ކަލެކްޝަނެއް ގާއިމުކުރުމުގެ ސިޔާސަތެއް އޮތް ނަމަވެސް މިއަދާ ހަމައަށްވެސް ޕާމަނަންޓް ކަލެކްޝަނެއް ގާއިމުކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒު ކުރެވިފައެއް ނުވެ އެވެ.

މިއަދު އިފްތިތާހު ކުރި ނެޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކޮށްފައިވާ ޖުމްލަ 44 ކުރެހުން ހިމެނެ އެވެ.

މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕާމަނަންޓް ކަލެކްޝަންގައި މައުރަޒު ކުރެވިފައިވެ އެވެ. މި24 ކުރެހުމުގެ އިތުރުން މިވަގުތު ގައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ގައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ހިދުމަތްކުރެއްވި އެކި ގައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕާމަނަންޓް ކަލެކްޝަންގައި ހިމެނެ އެވެ.

ނެޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނެޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއާ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިއަށް ދިޔަ ކުރެހުމުގެ ހަރަކާތްތައް ބައްލަވާލައްވާފަ އެވެ.