ދުނިޔެ

ބަހްރޭނާއި ލުބްނާން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި

ބަހްރޭނުން ލުބްނާނާ އެކު ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް އެމްބަސީތައް ހުޅުވައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން ބަހްރޭންގެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.

ގުޅުން ބަދަހިކުރުމުގެ ބޭނުމެއް ކަމަށް ބަޔާނުގައި ބުނެފައިވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބަނޑު އެއްބަފާ ގުޅުން އިތުރަށް ބަދަހިކުރުމާއި އިހުތިރާމް އިތުރުކުރުން ކަމަށެވެ.

ބަހްރޭންގެ މި ނިންމުމާ މެދު ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ލުބްނާންގެ ބޮޑުވަޒީރު ނަޖީބް މީގާތީ ވިދާޅުވި އެވެ. އަދި ބަހްރޭންގެ މި ނިންމުމަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ގަލްފްގެ ގައުމުތަކުން ލުބްނާންގައި ވަޒީފާ އުފެއްދުމަކީ އުފާކުރައްވާ ކަމެއް ކަމަށް މަޖީބް މީގާތީ ވިދާޅުވި އެވެ. އަރަބި އެކުވެރި ގައުމުތަކުން ލުބްނާންއާ މެދު ގެންގުޅޭ ގާތްކަމަށްޓަކައިވެސް އެ ގައުމުތަކަށް ބޮޑުވަޒީރު ޝުކުރު އަދާކުރެއްވި އެވެ.

ބަހްރޭން ހިމެނޭ ގޮތުން ގަލްފްގެ ގައުމުތަކުން ލުބްނާންއާ އެކު ގުޅުން ސައިޒުކޮށް އެ ގައުމުތަކުގެ އެމްބެސެޑަރުން ލުބުނާނުން ބޭލީ އޮކްޓޯބަރު 2021 ގައެވެ. ސަަބަބަކީ ހިޒްބުﷲއަށް ވަފާތެރި މީހުން ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ބަދުނާމުކޮށް ވާހަކަ ދައްކަމުން ގެންދާތީ އެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކުރުދާއީ ސައޫދީއަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އޭރު ވިދާޅުވީ ސައޫދީއާ ދެކޮޅަށް ޔަމަނުގައި ހޫތީން ހަނގުރާމަކުރަނީ އެ މީހުންގެ އަމިއްލަ ދިފާއުގައި މިނިވަންކަމަށްޓަކައި ކަމަށެވެ.

ކުރުދާއީ ސިފަކުރެއްވި ގޮތުގައި ޔަމަނުގައި އެތައް ހާސް ބަޔަކު ބަނޑަށް ޖެހި މަރަށް ހުށަހެޅިފައިވަނީ ސައޫދީ ކޯލިޝަންގެ ލާއިންސާނިއްޔަތުގެ ސަބަބުންނެވެ.

ޖޯޖް ކުރުދާއީގެ މިވާހަކަ ތަކަކީ ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިގާތީގެ ކެބިނެޓްގައި އިންފޮމޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން ހިމެނިވަޑައިގަތުމުގެ ކުރިން ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކެކެވެ.

ކުރުދާއީ ވަނީ ސައޫދީއާ ދެކޮޅަށް ބަޔާނެއް ނެރުއްވައި އާންމުންގެ މެދުގައި ސައޫދީއަށް ނަފުރަތާއި ފިތުނަ އުފެދޭ ގޮތަށް މުއާމަލާތް ކުރައްވާފަ އެވެ.

ނަޖީބު މީގާތީ އޭރު ވިދާޅުވީ ކުރްދާއީ ދެއްކެވި ވާހަކަތަކަކީ އޭނާގެ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އަރަބި ގައުމުތަކާ އެކު ވަކިން ހާއްސަކޮށް ސައުދީ އަރަބިއްޔާއާ އެކު ލުބްނާނުން ގެންގުޅޭ ސިޔާސަތު ބަލިކަށިވާން ދޫކޮށްނުލެވޭނެ ކަމަށެވެ.