ދަ ޑިމޮކްރެޓްސް

ޖޭޕީއާ އެކު ކުރި މަޝްވަރާތައް ހުއްޓިފައެއް ނުވޭ: އަފްޝަން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް "ދަ ޑިމޮކްރެޓްސް" އުފައްދަން ހުއްދަ ދިނުމާ ގުޅިގެން ހުއްޓިފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ރަސްމީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ޕާޓީގެ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓިފައި ނުވާ ކަމަށާއި ގާތްގުޅުންތަކެއް އެބައޮތް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ލަފާ ލިބިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މަޝްވަރާތައް ބްރޭކްޑައުން ވެގެން ދިޔަ ކަމަކަށް އަޅުގަނޑު އަދި ނުދެކެން،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީންނާއި އަދި ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރުނު ނަމަވެސް އެއީ މަޝްވަރާތައް ހުއްޓިދާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަން ޕީޕީއެމް ޕީއެންސީއާ އެކު ވެސް މަޝްވަރާ ކުރިއަށްދާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ އިއްޔެ އެވެ. ވަރަށް އަވަަހަށް 3،000 މެންބަރުން ހަމަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރެ ވަރަށް އަވަހަށް ކެމްޕޭންގެ މަސައްކަތްތައް ފަށާނެ ކަމަށްވެސް ދަ ޑިމޮކްރެޓްސް އިން ނިމުނު ހަފްތާގެ ތެރޭގައި ބުނެފައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ އަދި މިވަގުތު އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ކަމަށް އާންމުން ބުނަމުން ދިޔަ ނަމަވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ އެ ޕާަޓީއަކީ ވަކި މީހެއްގެ ޕާޓީއެއް ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން ކަމަށެވެ. ޕާޓީގެ ރިޔާސީ ޓިކެޓް ބޭނުންވާ ކޮންމެ ބޭފުޅަކުވެސް ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.