ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ މަޝްރޫއުތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ޕްރޮޕޯސަލްތަކަށް ފުރުސަތު ހުޅުވާލީ މިއަހަރުގެ މާޗް މަހު އެވެ.

މިފަހަރު ހޮވުނު ޕްރޮޖެކްޓްތަކުގެ ތެރޭގައި ރ. ދުވާފަރުގައި ކުޑަކުދިންގެ ސްކޭޓް ޕާކެއް ތަރައްގީ ކުރުމާއި ޏ. ފުވައްމުލަކުގައި ބެލެނިވެރިންނާއި ދަރިވަރުން މަޑުކޮށްލައިގެން ތިބޭނެ ހިޔާވާ ތަނެއް ގާއިމުކުރުމާއި ގދ. ހޯޑެއްދޫ އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ބ. ދަރަވަންދޫ ދޯދި ޕިކްނިކް އަދި ކޭމްޕިން ސަރަހައްދު ގާއިމުކުރުމާއި ގދ. ތިނަދޫ ކުޅި ތަރައްގީކުރުމާއި މ. މުލަކު ސްކޫލުގައި ރީޑިން ޕާކެއް ގާއިމުކުރުމަކީ މި ފަހަރު ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވިފައިވާ ޕްރޮޖެކްޓްތަކެވެ.

ލ. ކުނަހަންދޫ ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމުކުރުމާއި ހދ. ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުމަކީވެސް މިފަހަރު ހޮވިފައިވާ ޕްރޮޖެކްޓްތަކެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ދެން ހޮވުނީ އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުމުގެ ޕްރޮޖެކްޓަކާއި ސ. ފޭދޫ ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާއެއް ހެދުމުގެ ޕްރޮޖެކްޓެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.