ހަބަރު

އެމްއެމްޕީއާރުސީ އިން ބަޑިބޭސް އެތެރެކުރިއިރު އެކަމުގެ ހުއްދައެއް ނެތް

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބަޑިބޭސް ޝިޕްމަންޓެއް އެތެރެ ކުރި އިރު، އެކަމަށް ނަގަން ޖެހޭ ހުއްދަ ނަގާފައި ނެތް ކަމަށް އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އަދި އެ ޝިޕްމަންޓަށް ނަގަން ޖެހޭ އިމްޕޯޓް ޑިއުޓީ އަދިވެސް ނަގާފައިނުވާ ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ،

މިއަދު އާންމުކުރި އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީގެ ނަމުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އެތެރެކުރި ކޮންޓެއިނަރާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހަޅައި އަދި އެތަނުން ތައްޔާރުކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކުގައި ވެސް އެ ކޮންޓެއިނަރުގައި ހުރި މުދާ ޑިކްލެއާކޮށްފައިވަނީ ޓޯއީސްގެ ނަމުގައި ކަމަށެވެ. އަދި އެ ޝިޕްމަންޓް އެތެރެ ކުރުމުގެ ކުރިން ނަގަން ޖެހޭ ހުއްދަ ނަގާފައި ނެތް ކަމަށާއި އެ ހުއްދަތައް ދިނީ އެ ޝިޕްމަންޓް އެތެރެ ކުރި ފަހުން އަވަސް އަރުވާލައިގެން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެ ކޮންޓެއިނަރާ ގުޅޭގޮތުން އެމްއެމްޕީއާރްސީ އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ބަދަލުކުރެވިފައިވާ ހުރި ލިޔެކިޔުންތަކުން އެމްއެމްޕީއާރްސީގެ ނަމުގައި ރާއްޖެ އެތެރެކޮށްފައިވަނީ ބަޑިބޭސް ހުރި ކޮންޓެއިނަރެއްކަން އެނގޭ ކަމަށާއި އެހެންކަމުން ބަޑިބޭސް ހުރި ކޮންޓެއިނަރެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައިވަނީ މުދަލުގެ އަސްލު މައުލޫމާތު އޮޅުވާލައިގެން ބެލެވޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން، ރާއްޖެ އެތެރެކުރާ ހަވާ ފަޓާސް ފަދަ ތަކެއްޗަކީ %35 ރޭޓްގައި އިމްޕޯޓް ޑިއުޓީ ނަގާގޮތަށް ހަމަޖެހިފައިވާ ތަކެތި ކަމަށްވީ ބަމަވެސް ޓޯއީސްގެ ނަމުގައި އެމްއެމްޕީއާރްސީއިން ރާއްޖެ އެތެރެކޮށްފައިވާ ހަވާ ފަޓާސްފަދަ ތަކެތީގެ އިމްޕޯޓް ޑިއުޓީ މިހާތަނަށް ނަގާފައެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ނަމުގައި ކަސްޓަމަށް ހުށަހަޅާފައިވާ ކޮމާޝަލް އިންވޮއިސްގައި މުދަލުގެ ތަފްސީލުގެ ގޮތުގައި ލިޔެފައިވަނީ 1190 ކާޓަން ޓޯއީސް އެވެ. އަދި މުދަލުގެ ސީއައިއެފް ވެލިއުގެ ގޮތުގައި އިންވޮއިސްގައި ވަނީ 86،623 ޑޮލަރު ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ރާއްޖެ އެތެރެކުރާ ޓޯއީސް ފަދަ ތަކެތީގެ އިމްޕޯޓް ޑިއުޓީ ނަގާގޮތަށް ހަމަޖެހިފައިނުވާ ކަމަށާއި ނަމަވެސް މި ކޮންޓެއިނާގައި ހަވާ ފަޓާސްފަދަ ތަކެތި އެތެރެކޮށްފައިވާކަން ޔަގީންކުރެވޭތީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އިމްޕޯޓް ޑިއުޓީ ނަގަންޖެހޭނެ ކަމަށް ދެކޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ރިޕޯޓްގައިވާ ގޮތުން، އެމްއެމްޕީއާރްސީގެ ނަމުގައި ރާއްޖެ ގެނައި ކޮންޓެއިނަރު އެތެރެކުރުމަށާއި އެ ކޮންޓެއިނަރުގައި ހުރި މުދާ ގަތުމަށް އެމްއެމްޕީއާރްސީގެ އެއްވެސް އެކައުންޓަކުން ފައިސާ ހަރަދުކޮށްފައެއް ނުވެ އެވެ.

މިފަދަ ތަކެތި ގަތުމަށް އެމްއެމްޕީއާރްސީއިން އެއްވެސް ފަރާތަކާއެކު މުއާމަލާތް ކޮށްފައިވާކަން ވެސް ލިޔެކިއުމުން އެނގެން ނެތްކަން ފާހަގަކުރެވޭ ކަމަށާއި އެމްއެމްޕީއާރްސީގެ ނަމުގައި ގެނައި މިފަދަ އެއްވެސް އެއްޗެއްގެ ސްޓޮކް ރެކޯޑެއް އެ ކުންފުނީގައި ބެލެހެއްޓިފައިނުވާ ކަަމަށް އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައިވެ އެވެ.