ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުގައި މަސައްކަތް ކުރުމަށް އިދިކޮޅު ޕީޕީއެމް އިން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފި އެވެ.
ޕީޕީއެމް އިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޕީޕީއެމް ޕީއެންސީގެ ޕީޖީ ގުރޫޕްއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ އެންމެހާ މެންބަރުންނަށާއި ޕާޓީތަކަށް ދައުވަތު ދޭ ކަމަށެވެ.
ޕީޕީއެމް އިން މިފަދަ ދައުވަތެއް ދީފައި މިވަނީ މަޖިލީހުގައި ސާފު އަގުލަބިއްޔަތު ކުރިން އޮތް އެމްޑީޕީއަށް އެ އަގުލަބިއްޔަތު ގެެއްލިފައި ވަނިކޮށެވެ.
އެމްޑީޕީގައި ކުރިން 67 މެންބަރުން ތިއްބެވި ނަމަވެސް އެމްޑީޕީގެ 13 މެންބަރުން މިދިޔަ ހަފްތާ އެ ޕާޓީން ވަކިވުމުން އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 54 މެންބަރުންނަށް މަދުވެފަ އެވެ.
ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އަށް މެންބަރުން މަޖިލީހުގައި ތިއްބެވިއިރު އެމްއެންޕީގެ ފަސް މެންބަރުން އަދި ޖޭޕީއާއި އެމްޑީއޭގައި ކޮންމެ ޕާޓީއެއްގައި ދެ މެންބަރުން އެބަތިއްބެވި އެެވެ. ބާކީ ތިއްބެވި ހުރިހާ މެންބަރުންނަކީ ވެސް އަމިއްލަ މެންބަރުންނެވެ.
މަޖިލީހުގައި މެންބަރުން ސިޔާސީ ޕާޓީތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު އަދިވެސް މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން މެޖޯރިޓީ އެބައޮތެވެ.