ލައިފްސްޓައިލް

އާއިލާ އިކޮނޮމީ ކްލާޙުގައި ބައިތިއްބާފައި ފިރިހެނަކު ފަސްޓް ކްލާހުގައި

ފިރިހެނަކު އޭނާގެ އަންހެނުންނާއި ދަރިން އިކޮނޮމީ ކްލާހުގައި ބައިތިއްބާފައި އެކަނި މާއެކަނި ފަސްޓް ކްލާހުގައި ދަތުރުކުރި ވާހަކަ އިވިފައި އިންޓަނެޓުގައި ގިނަ ބަޔަކު ރުޅިވެރިކަން ފާޅުކުރަމުން އެބަދެ އެވެ. އަދި ފިރިހެން މީހާ ކައިރިން ވަރިވާންވެސް އަންހެން މީހާއަށް ބައެއް މީހުން ދަނީ މަޝްވަރާ ދެމުންނެވެ.

މި ބަހުސެއް އޮންލައިންކޮށް ފެށޭ ގޮތް މެދުވެރިވީ ނިއު ޔޯކް ޓައިމްސް މަޖައްލާގައި އެމެރިކާގެ މަޝްހޫރު ފިލޯސަފަރެއް ކަމަށްވާ ކުވޭމް އެންތަނީ އެޕިއާ ލިޔާ ކޮލަމެއްގައި މި ވާހަކަ ލިޔެފައި އޮތުމުންނެވެ. މި ކޮލަމަކީ މީހުންގެ ހަޔާތުގައި ދިމާވާ ތަފާތު މައްސަލަތަކަށް އޭނާއަށް ފެންނަ އިރުޝާދެއް ދިނުމަށް ލިޔާ ކޮލަމެކެވެ.

މި މަޖައްލާގެ އެންމެ ފަހުން ނެރުނު އަދަދުގައި އަޕިއާގެ ކިބައިން އަންހެނަކު އިރުޝާދަކަށް އަހާފައިވާތީ އޭނާ އެ އަންހެން މީހާއަށް ޖަވާބު ދީފައި ވެއެވެ. އަންހެން މީހާ ބުނެފައިވަނީ އޭނާގެ ފިރިމީހާ ފަސްޓް ކްލާހުން ދަތުރުކޮށްފައި އަންހެން މީހާ އާއި ދަރިންނަށް އިކޮނޮމީ ކްލާހުން ޓިކެޓު ނަގާފައިވާތީ އެއީ އިންސާފުވެރި ގޮތެއްތޯ އެވެ؟

"މަގޭ ފިރިމީހާއަކީ ވަރަށް ތަންތަނަށް ދަތުރުކުރާޙިތްވާ މީހެއް. އޭނާ ބައެއް ފަހަރަށް އަމިއްލައަށް ޓިކެޓް ގަނެގެން ނުވަތަ އަޕްގްރޭޑް ކޮށްގެން ފަސްޓް ކްލާހުން ދަތުރުކުރޭ. އާއިލާ އެއްކޮށް ދަތުރުކުރާއިރު އަހަރެންނާއި ކުދިން އިކޮނޮމީ ކްލާހުގައި ބައިތިއްބާފައި ފިރިމީހާ ގޮސް އިންނަނީ ފަސްޓް ކްލާހުގައި،" އަންހެން މީހާ ބުނެފައި ވެއެވެ.

އަންހެން މީހާ ބުނި ގޮތުގައި ފިރިމީހާ އެކަނި ފަސްޓް ކްލާހުން ދަތުރުކުރަން އޭނާ ދައްކަނީ ދެބަހަނާ އެކެވެ.

ފުރަތަމަ ބަހަނާ އަކީ ޓިކެޓް އަގުބޮޑުވީމަ އެންމެންނަށް ފަސްޓް ކްލާހުން ޓިކެޓް ގަނެވެން ނެތުމެވެ. ދެވަނަ ބަހަނާ އަކީ ދެ ކުދިން އެކަނި އިކޮނޮމީގައި ބައިތިއްބާފައި ދެމަފިރިން ފަސްޓް ކްލާހުން ދަތުރުކުރުމަކީވެސް ރަނގަޅު ގޮތެއް ކަމަށް ނުދެކުމެވެ.

މި މައްސަލަ ޖައްސަން ފެށުމުން ފިރިމީހާ އެހެން ފްލައިޓެއްގައި ދަތުރުކުރަންތޯ އެހި ކަމަށްވެސް އަންހެން މީހާ ބުންޏެވެ. އޭރުން އެ ބޯޓެއްގައި ދެ ތަނެއްގައި ތިބުމުން އެ ލިބޭ ހިތްހަމަނުޖެހުން ނުލިބޭނެ ކަމަށް ފިރިހެން މީހާ ގަބޫލުކުރި ނަމަވެސް އަންހެން މީހާއަށް މިއީވެސް ހިތްހަމަޖެހޭ ގޮތަކަށް ނުވި އެވެ.

އަންހެން މީހާގެ މި ސުވާލަށް ފިލޯސަފަރު އެޕިއާ ދިނީ މޮޅު ޖަވާބެކެވެ. އޭނާ ބުނީ ފަސްޓް ކްލާހުން އެކި ފަހަރު އެކި މީހުން ދަތުރުކުރާ ގޮތަށް ހަދަން ފިރިހެން މީހާ އަށް ޚިޔާލު ދިނުމަށެވެ. އޭރުން ފަސްޓް ކްލާހުން ދަތުރުކުރުމުގެ ތަޖުރިބާ އެންމެންނަށް ވެސް އެއްވަރަށް ކުރެވޭނެތީ އެވެ. ނަމަވެސް އިންޓަނެޓުން މި ޚަބަރު ކީ މީހުން މިއަށްވުރެ މާމޮޅެތި ޚިޔާލުތައް ދީ މިވާހަކަ ބޮޑު ބަހުސަކަށް ހަދާފައި ވެއެވެ.

ވަރަށް ގިނަ ބަޔަކު މަޝްވަރާ ދީފައިވަނީ މިއީ ފިރިހެން މީހާ ކައިރިން ވަރިވާ ވަރުގެ ކަމެއް ކަމަށެވެ. އަދި މިކަމުން ފިރިހެން މީހާ އަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްކަން ހާމަވާ ކަމަށްވެސް ކޮމެންޓު ކުރި ގިނަ މީހުން ގަބޫލު ކުރެ އެވެ.