ލައިފްސްޓައިލް

ކުޑަކުދިން މެއިޑުންނާ ހަވާލުކުރާއިރު ސީސީޓީވީ ހުރުން މުހިއްމު

އިންޑިއާގެ ޖަބަލްޕޫރުގެ ދެމަފިރިއެއްގެ ދަރިއަކަށް އެ ކުއްޖާ ބަލަން ހަވާލުކޮށްފައިވާ މެއިޑެއް އަނިޔާކުރިކަން ޔަގީންވުމުން އެމީހާ ހައްޔަރުކޮށްފި އެވެ.

އެމީހާ ކުޑަ ކުއްޖާއަށް އަނިޔާކުރާތަން އެ ގޭގައި ހުރި ސީސީޓީވީ ކެމެރާތަކުން ފެނިފައި އެ ކުއްޖާގެ މައިންބަފައިންނަށް ލިބުނީ ބޮޑު ޝޮކެކެވެ. އަދި އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މި ކުއްޖާގެ މަންމަ އާއި ބައްޕަ އަކީ ސަރުކާރުގެ ވަޒީފާތައް އަދާކުރާ ބަޔެކެވެ. އެހެންވެ ކުއްޖާ ބަލަން މެއިޑެއް ހޯދީ އެވެ. މި މެއިޑް ކުއްޖާ ބެލުމާ ހަވާލުވިތާ ހަތަރު ވަރަކަށް މަސް ވެއްޖެ އެވެ.

މި މީހާ އަށް ކުއްޖާ ބަލަން ހަވާލުކުރި ފަހުން ކުއްޖާގެ ހަރަކާތްތައް މަދުވެ ވަރަށް މަޑުމަޑުން ހުންނަކަން އެ ކުއްޖާގެ މައިންބަފައިންނަށް ފާހަގަކުރެވެން ފެށި އެވެ. އެމީހުން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ކުއްޖާގެ ގޮހޮރު ދުޅަވެފައިވާ ކަމަށް ބުނެފައިވެ އެވެ. މެއިޑަށް ނޭނގޭ ގޮތަށް އެ ގޭގައި ސީސީޓީވީ ކެމެރާ ހަރުކުރީ މިކުއްޖާއަށް މި މައްސަލަ ދިމާވުމަށްފަހު އެވެ.

ކެމެރާ ހަރުކުރި ދުވަހު ވެސް މެއިޑް ކުއްޖާ އަށް އަނިޔާކުރާތަން އެ ކުއްޖާގެ މައިންބަފައިންނަށް ފެނި ވަގުތުން ފުލުހުންނާ އެމީހާ ވަނީ ހަވާލުކޮށްފަ އެވެ.

މިހާރު ވައިރަލް ވެފައިވާ މި ވީޑިއޯގައި ކުއްޖާގެ ގައިގައި ޖަހާ އަނިޔާކޮށް އަދި އިސްތަށިގަނޑުގައި ހިފާ ބިންމަތީގައި ދަމާ ގެންދާ މަންޒަރު ވެސް ފެނެ އެވެ.