ލައިފްސްޓައިލް

ތުއްތު ކުއްޖެއް ހިނގަން ދަސްނުވަނީސް ގޯލްޖަހަން ދަސްކޮށްފި

ތުއްތު ކުއްޖަކު ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ މިންވަރު އުފަންވީއްސުރެ ދައްކަމުން އެބަ ދެއެވެ. ލުކާ ރީޑް ނަމަކަށް ކިޔާ އެއް އަހަރުގެ މި ކުއްޖާގެ ބައްޕަ އަކީ ފުޓުބޯޅަ ފޭނެކެވެ. ނަމަވެސް ލުކާ ބޭނުންވަނީ ބައްޕަ ގޮތަށް ފުޓުބޯޅަ ކުޅޭ މަންޒަރު ބަލަން ހުންނާކަށް ނޫނެވެ. އޭނާ ޝައުގުވެރިވަނީ ފުޓުބޯޅަ ކުޅޭށެވެ. ހާއްސަކޮށް ގޯލް ޖަހާށެވެ.

ލުކާ ފުޓުބޯޅައިގައި ފައިން ތަޅަން ފެށީ އުފަން ވީއްސުރެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ލުކާ އުފަން ވުމާއެކު އޭނާގެ ބައްޕަ ކުޑަކުޑަ ފުޓުބޯޅައަކާއި ގޯލް ޕޯސްޓެއް އޭނާއަށް ގަނެދިނެވެ. އަދި ފުރަތަމަ ދުވަހުން ފެށީގެން ލުކާގެ ކަމަކީ ގޯލަށް ބޯޅަ ޖެހުމެވެ.

ލުކާ އަށް އަދިވެސް ހިނގަން ވެސް ދަހެއް ނުވެ އެވެ. ނަމަވެސް ފައިން ޖަހާ ބޯޅަ ގޯލަށް ވައްދާލާކަށް މިހާރު ވެސް އޭނާއަށް އެއްވެސް ކަމެއް ނޫނެވެ.

އިންސްޓަގްރާމްގައި ވަރަށް މަޝްހޫރުވެގެން އުޅޭ މި ވީޑިއޯ ބެލި މީހުން ބުނަނީ ލުކާ ބޮޑުވެގެން ވަރަށް މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ހިނގަން ދަސްވުމުގެ ކުރިން ލުކާ ގިނަ ގޯލްތަކެއް ޖަހާފައިވާކަން އެންމެން ވެސް ފާހަގަކޮށްފައި ވެއެވެ.

"މެންޗެސްޓާ ޔުނައިޓެޑް ސަލާމަތް ކުރާނެ މީހަކު އެންމެ ފަހުން އެބަ ތައްޔާރުވޭ،" މި ވީޑީއޯ އަށް ކޮމެންޓުކުރި މީހަކު ބުންޏެވެ.

ލުކާ އަކީ މެންޗެސްޓާ ޔުނައިޓެޑެއް ފޭނެއް ހެން ހީވާ ކަމަށް އެ ކްލަބަށް ސަޕޯޓްކުރާ ގިނަ ބައެއްގެ ކޮމެންޓުތަކުގައި ވެއެވެ.