ލައިފްސްޓައިލް

އަންހެންމީހާގެ ބޭވަފާތެރިކަން ފަޅާއަރުވާލީ ކައިވެނީގެ ހަފުލާގައި

ކައިވެނީގެ ރަސްމިއްޔާތުގެ ތެރޭގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ބޭވަފާތެރިކަން ހާމަކޮށް އޭނާ ބޭޒާރުކޮށްލައިފި އެވެ.

މި ދެ މީހުންނަކީ އެންގޭޖްވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ ދެ މީހުންނެވެ. ނަމަވެސް އަންހެން މީހާ ބޭވަފާތެރިވާކަން އެނގުމުންވެސް ފިރިހެން މީހާ ކައިވެނީގެ ކަންތައްތައް ކުރިޔަށް ގެންދިޔަ އެވެ. ކައިވެނީގެ ދުވަހު އެންމެންގެ ކުރިމަތީގައި އަންހެން މީހާ ބޭޒާރުކޮށްލައި ބަދަލުހިފުމުގެ ނިޔަތުގަ އެވެ.

އަންހެން މީހާ ސިއްރު ލޯބީގެ ގުޅުމެއް ބޭއްވީ ފިރިހެން މީހާގެ ބެސްޓް ފްރެންޑާ އެވެ. އަދި މި ކައިވެނީގެ ރަސްމިއްޔާތުގައިވެސް ބެސްޓްމޭން އަކަށް ހުރީ އެ ފިރިހެން މީހާ އެވެ. އެހެންވެ ދެ މީހުން އެކުގައި ފަޅާއަރުވާލާނެ ފުރުސަތު ކައިވެނިކުރަން އުޅުނު ފިރިހެން މީހާ އަށް ލިބުނީ އެވެ.

ވޭލްސް އޮންލައިންގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ހިނގި މި ހާދިސާގައިގެ މަންޒަރުތައް ޓިކްޓޮކްގެ ޕޮޑްކާސްޓް ކްލިޕްތަކެއްގައި ޝެއާ ކޮށްފައިވަނީ "ދި އަންފިލްޓާޑް ބްރައިޑް" ކިޔާ ޝޯއެއްގެ ހޯސްޓް ޖޯޖީ އާއި އޭނާގެ ކޯ-ހޯސްޓް ބެތު އެވެ.

ޕޮޑްކާސްޓްގައި ޖޯޖީ ބުނީ އޭނާ ވަރަށް މަޖާ ވާހަކައެއް ހިއްސާ ކުރަން ބޭނުން ކަމަށެވެ. އަދި މި ފިރިހެން މީހާ ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ކައިވެނިކުރަން ހަމަޖެހިފައިވާ ދެ މީހުން ކައިވެނީގެ ރަސްމިއްޔާތުގައި ވަރަށް ލޯބިން އުޅުނެވެ. ނަމަވެސް ކައިވެނީގެ ރަސްމިއްޔާތު ފެށުމުގެ އިރުކޮޅެއް ކުރިން ފިރިހެން މީހާ ތެދުވެ މައިކެއް ހިފައިގެން އެންމެންގެ ސަމާލުކަން ހޯދައި ވާހަކައެއް ހިއްސާ ކުރަން ބޭނުން ކަމަށް ބުންޏެވެ. އަދި އެ ވަގުތު އެތަނުގައި ތިބި އެންމެންނަށް ސިޓީއުރަތަކެއް ބަހަން ފެށި އެވެ. އެ ސިޓީ އުރައިގައި ވަނީ އަންހެން މީހާ އާއި އޭނާގެ ސިއްރު ލޯބިވެރިޔާއާ ދެ މީހުންގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ފެންނަ ފޮޓޯ ތަކެކެވެ.

ފިރިހެން މީހާ ބުނީ މި ސަބަބާ ހެދި އޭނާ ކައިވެނިކުރަން ބޭނުން ނޫން ކަމަށާއި އޭނާ އެ ރަސްމިއްޔާތު ދޫކޮށްދަނީ ކަމަށެވެ. އެހެން ބުނުމާއެކު ފިރިހެން މީހާގެ އާއިލާގެ އެންމެން ތެދުވި އެވެ. އަދި އޭނާއާ އެކު އެ އެންމެން އެތަނުން ނުކުމެގެން ދިޔައީ އެވެ.

ގަބޫލުކުރެވޭ ގޮތުގައި ފިރިހެން މީހާ އޮތީ އޭނާގެ އާއިލާގެ އެންމެންނަށް މިވާހަކަ ކިޔައިދީ މިގޮތަށް ކަންތައް ކުރާނެކަން ކުރިންސުރެ އަންގާފަ އެވެ. އެހެންވެ ފިރިހެން މީހާއާ އެކު ނުކުމެގެން ދިޔައިރު އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ މޫނުގައި ހައިރާން ކަމެއް ނެތެވެ. އެންމެންވެސް ތިބީ ފިރިހެންމީހާ އާއި އޭނާގެ ސިއްރު ލޯބިވެރިޔާ އަދި ފިރިހެން މީހާގެ ބެސްޓް ފްރެންޑް ދެކެ ރުޅިއައިސްފަ އެވެ.

މި ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރުކުރި ކާއެއްޗިއްސަށް ވެސް އެންމެ ފަހުން ފައިސާ ދައްކަން ޖެހުނީ އަންހެން މީހާގެ އާއިލާ އަށެވެ.

އޮންލައިނުން މި ހަބަރު ކިޔާފައި ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ބުނެފައިވަނީ ފިރިހެން މީހާ ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެމީހާ ކުރި ކަންތަކަށް ގިނަ ބަޔަކު ތައުރީފުކޮށް އޭނާ ކަންތައް އެ ކުރީ ވަރަށް މޮޅަށް ކަމަށް ބުނެފައި ވެއެވެ.

އެމީހުން ތިބީ ކައިވެނީގެ ރިސެޕްޝަންގައި ކަމަށް ލަފާ ކުރެވޭތީ އޭރު ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ނިމިފައި ނޫންތޯވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ.

މި ހަބަރުގައި ބުނެފައިވާ ގޮތުގައި ފިރިހެން މީހާ އެ ރަސްމިއްޔާތު ދޫކޮށް ދިޔައީ ކައިވެނި ނުކޮށެވެ.