މާލޭ ސިޓީ ކައުންސިލް

ސިނަމާލެ ފްލެޓްތައް ތަޅާލުމަށްފަހު 1،500 ފްލެޓް އަޅަން ބަޔަކު ހޯދަން ތައްޔާރުވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ މާލެހިޔާ އަދި ސިނަމާލެ ފްލެޓްތައް ތަޅާލައި އެތަނުގައި އާ އިމާރާތްތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި "ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި 12 މެންބަރުންގެ އިއްތިފާގުންނެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން 15 ބުރީގެ 8 ޓަވަރުގައި 1،500 އެޕާޓްމެންޓް ހެދުމަށް ނިންމާފައިވެ އެވެ. ކައުންސިލްގެ ޕްލޭންގައި އޮތީ ފުރަތަމަ ފިޔަވަހީގައި 700 ފްލެޓް އަދި ދެވަނަ ފިޔަވަހީގައި 800 ފްލެޓް ހެދުމަށެވެ. ޓަވަރުތަކުގެ ބޭސްމަންޓް ގްރައުންޑް ފްލޯގައި ޕާކް ކުރާނެ ޖާގައާއި ވިޔަފާރި ކުރަން ދޫކުރާ ސްލޮޓްތަކެއް ހެދުމަށް ނިންމާފައިވެ އެވެ.

މިމަޝްރޫއުގެ ދަށުން ހެދުމަށް ނިންމާފައިވަނީ ދެ ކޮޓަރި އާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާވެސް ހުންނަ ގޮތަށް ހަދަން ނިންމާފައިވާ މެދު ފަންތީގެ އެޕާޓްމަންޓްތަކުގެ ސައިޒް އުޅޭނީ 800 އަކަފޫޓާއި 1،300 އަކަފޫޓާ ދެމެދުގަ އެވެ.

ސިޓީ ކައުންސިލުން ނިންމާފައިވަނީ މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދަން ނިންމާފައިވާ 700 އެޕާޓްމަންޓްގެ ތެރެއިން 128 އެޕާޓްމަންޓް، މާލެހިޔާ އަދި ސިނަމާލެ ފްލެޓްގައި އުޅޭ މީހުންނަށް ހާއްސަ ކުރާށެވެ. އެއީ މާލެހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ހުރީ 128 ފްލެޓް ކަމަށްވާތީ އެވެ.

ކައުންސިލްގެ ފައިނޭންޝަލް މެނޭޖަރު ޑރ. މުހައްމަދު ޝާހިދު މިބައްދަލުވުމުގައި ވިދާޅުވީ މިމަޝްރޫއު ހިންގަން ހަމަޖެހިފައިވާ ބިމުން އެކަނިވެސް ކައުންސިލަށް 175 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އަދި އެ ބިމުގައި ހަދާ އިމާރާތްތަކުގައި ހަދަން ނިންމާފައިވާ ޕާކިން ޖާގަތަކާއި ވިޔަފާރި ކުރަން ދޫކުރާ ސްލޮޓް ކުއްޔަށް ދީގެން އަހަރަކު އިތުރު 15 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދޭނެ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދަން ބަލާއިރު ރީޑިވެލޮޕް އަދި ރީލޮކޭޓް ކުރުމުގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މިހާތަނަށް ހަދާފައި ނެތުމަކީ މިމަޝްރޫއު ފެށުމަށް ބޭނުންވާ ހުއްދަތައް ހޯދައި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް މިމަޝްރޫއާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ މައްސަލަތަކަށްވެސް ހައްލުތަކެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މާލެހިޔާ އަދި ސިނަމާލެ ފްލެޓްތައް ތަޅާލައި އެތަނުގައި އާ އިމާރާތްތަކެއް އެޅުމަކީ މިހާރު މިއޮތް މާލެ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ.