މުހައްމަދު ނާޒިމް

ދީނާއި ގައުމިއްޔަތު ދިފާއު ކުރާނަން: ނާޒިމު

May 25, 2023
1

ވެރިކަން ލިބިވަޑައިގެންފިނަމަ އިސްލާމްދީނާއި ގައުމިއްޔަތު ދިފާއު ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ނާޒިމު ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ މިނިވަންކަމާއި މަސްލަހަތަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އިންސާފު ގާއިމު ކުރާނެ، އަދި ބޭއިންސާފާ ދެކޮޅަށް ވަރަށް ވަރުގަދައަށް ތެދުވާނެ މީހެއްގެ ގޮތުގައި އަޅުގަނޑު ވާނެ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ދިވެހި ގައުމު އޭނާއަށް ވަރަށް ކަންތައް ކޮށްދީފި ކަމަށާއި މިއީ އޭނާގެ ފަރާތްޕުޅުން ގައުމަށް ހިދުމަތް ލިބެންވީ ވަގުތު ކަމަށެވެ.

މި ޕްރޮގްރާމްގައި ނާޒިމު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ "ރިޝްވަތު" ދިނުން ކަމަށް ވިދާޅުވި އެވެ.

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުން އޮންނާނީ މާދަމާރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާގަ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ ނާޒިމު އެކަންޏެވެ. އެހެންވެ ޕްރައިމަކާ ނުލައި ނާޒިމަށް ޓިކެޓް ކަށަވަރުވީ އެވެ.