ލައިފްސްޓައިލް

އެއްގޮތަކަށް ވެސް ތަދު އިހްސާސް ނުވާ އަންހެނެއް

ތަދު ކަނޑުވަން މިހާރު އުފައްދާފައިވާ ބޭސްތަކަށް ވުރެ ރަނގަޅު ބޭހެއް އުފެއްދުމަށް އަންހެނެއްގެ ޖީންގެ އެހީތެރިކަން ހޯދިދާނެކަމަށް ފަހުގެ ދިރާސާއެއް ބުނެ އެވެ.

ސްކޮޓްލެންޑްގައި ދިރިއުޅޭ ދެ ކުދިންގެ މަންމަ ޖޯ ކެމެރޮން އަކަށް ދުވަހަކުވެސް ތަދުކަނޑުވާ ބޭހުގެ ބޭނުމެއް ނުޖެހެ އެވެ. ސަބަބަކީ މި މީހާއަކީ ވަރަށް ޔުނީކް ޖީން އެއް ހަށިގަނޑުގައި ހުރި މީހަކަށް ވުމެވެ. މި ޖީން ހުރުމުގެ ސަބަބުން އޭނާއަށް އެންޒައިޓީ އާއި ބިރެއް އިހްސާސެއް ނުވެ އެވެ. އަދި ހަށިގަނޑަށް އެއްވެސް ކަހަލަ ތަދެއް ވޭނެއް އިހްސާސެއް ނުވެ އެވެ.

މިހާތަނަށް ދުނިޔެއިން ފެނިފައިވަނީ މީގެ އެންމެ ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކީ މި އަންހެންމީހާ އެވެ.
ސައިންސްވެރިންގެ ސަމާލުކަން މި އަންހެންމީހާއަށް ހުއްޓިފައިވަނީ މި ސަބަބުތަކާ ހެދި އެވެ. އަދި މީނާގެ ހަށިގަނޑުގެ މެކޭނިޒަމް ބަލައިގެން ކުރިމަގުގައި ތަދުކަނޑުވަން މިހާރު އުފައްދާފައިވާ ބޭސްތަކަށް ވުރެ ރަނގަޅު ބޭސް އުފެއްދުމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.

ޔުނިވަސިޓީ ކޮލެޖު ލަންޑަން މެޑިކަލް ސްކޫލްގެ ޕްރޮފެސަރު އަދި މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރައްވާ ޖޭމްސް ކޮކްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ޖޯ ކެމެރޮންގެ ޖެނެޓިކް ރޫޓް ހޯދިފައިވާތީ އޭނާގެ ހަށިގަނޑު އުފެދިފައިވާ ގޮތުގެ ދިރާސާ ކޮށްގެން ސައިންސްވެރިންނަށް ވަރަށް ޝައުގުވެރި މައުލޫމާތު ތަކެއް ލިބޭނެކަމަށެވެ.

"ޖޯގެ ހަށިގަނޑުގައި، މޮލެކިއުލާ ލެވެލްގައި ކަންކަންވާ ގޮތް ބަލައި ދެނެގަނެގެން އެ ހަށިގަނޑުގެ ބައޮލޮޖީ ދަސްކޮށްގެން ރަނގަޅު ބޭސްތަކެއް އުފެއްދުމަށް މަގުފަހިވާނެކަމަށް އުންމީދުކުރަން،" ޕްރޮފެސަރު ވިދާޅުވި އެވެ.
އިންވާނަސް ކައިރީގައިވާ ވައިޓްބްރިޖްގައި ޖޯ، 74، ދިރިއުޅެމުންދަނީ ފިރިމީހާ ޖިމް އާ އެކުގަ އެވެ. ޖޯގެ ހަށިގަނޑުގައިވާ ޔުނީކްކަން އޭނާއަށް އެނގުނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

މީގެ 10 އަހަރު ކުރިން އޭނާގެ އަތާއި ފައިގެ ސާޖަރީއެއް ހެދިއިރު ޑޮކްޓަރުންނަށް ވަރަށް މުހިއްމު އެއް ކަމެއް ފާހަގަ ކުރެވުނެވެ. ޖޯ އަށް އެއްގޮތަކަށް ވެސް ތަދު ނުވާ ކަމެވެ. އަދި އެއްވެސް ޕްރޮސީޖާއަކުން ޖޯ އަށް އެއްވެސް ތަދެއް ބިރެއް އަދި ހިތް ނުތަނަވަސްކަމެއް އިހްސާސް ނުވާކަން ޑޮކްޓަރުންނަށް ފާހަގަކުރެވި އެ ވާހަކަ ޖޯ ކައިރީގައި ބުންޏެވެ.

ޖޯ އަށް އޭނާގެ ހަށިގަނޑަކީ ވަރަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ ހަށިގަނޑެއް ކަން އެނގުނީ އޭރު އެވެ.
އެ ފަހަރު ޖޯގެ ކުޑަ ކަޅުވާގެ ސާޖަރީ ހެދީ ވަރަށް ބޮޑަށް ހުޅު މައްސަލަ ޖެހިފައި ހުރެގެންނެވެ. ނަމަވެސް އޭރު ވެސް ޖޯއަކަށް ތަދެއް ނުވެ އެވެ.

"އަހަރެންނަކީ އަބަދުވެސް ވަރަށް އުފާވެރި މިޒާޖެއްގެ މީހެއްކަން އަހަރެންނަށް ވެސް ގަބޫލު ކުރެވޭ. ނަމަވެސް އަހަރެންނަކީ އެހެން މީހުންނާ ތަފާތު ގޮތަކަށް އުފެދިފައިވާ މީހެއްކަމެއް ނުވިސްނޭ. އަހަރެން ހީކުރީ އެއީ އަހަރެންގެ މިޒާޖޭ. އާދަޔާޚިލާފު އެއްވެސް ކަމެއް އަހަރެންގެ ހަށިގަނޑުގެ ތެރޭގައިވާ ކަމެއް އުމުރުން 65 އަހަރުވީއިރުވެސް އަހަންނަކަށް ނޭނގޭ،" ޖޯ ބުންޏެވެ.

ޖޯ އަށް އެއްވެސް ގޮތަކަށް ތަދު އިހްސާސް ނުކުރެވޭކަން ފުރަތަމަ ދެނެގަތީ ޑރ. ދޭވްޖީތު ސްރީވާސްތަވާ އެވެ. އޭނާއަކީ އެނެސްތީސިއާ އެންޑް ޕެއިން މެޑިސިން ކޮންސަލްޓަންޓެކެވެ. އޭގެ ފަހުން 2013ގައި ޔުނިވަސިޓީ ކޮލެޖު ލަންޑަންގެ ޓީމަކުން ވަނީ ޖޯގެ ހަށިގަނޑުގައިވާ ޖީންގެ ވޭރިއަންޓް ދެނެގަނެފަ އެވެ. އެއީ "ފާހް-އައުޓް (އެފްއޭއޭއެޗް-އޯޔޫޓީ) ކިޔާ ޖީން އެކެވެ.

މި ޖީން އިން ކުރާ ކަމަކީ ހަށިގަނޑުގައި ތަދު އިހްސާސް ކުރާ ބައި ޑިއެކްޓިވޭޓް ކޮށްލަނީ އެވެ. އެހެންވެ މި ޖީން ހުންނަ މީހުންނަކަށް އެއްވެސް ގޮތަކަށް ތަދެއް އިހްސާސެއް ނުވާނެ އެވެ. އަދި ތަދުވާތީ ހާސްވެ ކަންބޮޑުވެ ނޫޅޭތީ އެ ފަދަ މީހުންގެ ހަށިގަނޑުގައި ހުންނަ ޒަޚަމްތައް އަވަހަށް ފަސޭހަވާން މަގުފަހިވެ މޫޑު ރަނގަޅު މީހުންގެ ގޮތުގައި މި މީހުން ބެލެވެ އެވެ.