ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިލްމީ އެންމެ ބޮޑު މަރުކަޒަކަށް އައިޔޫއެމް ހެދުމަކީ އަމާޒެއް: ރައީސް

މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ މި ސަރަހައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފްލާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އައިޔޫއެމް އިން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

"އެގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަސިޓީން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޒަމާނީ އިލްމު ފުޅާކޮށް ތައުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާނީ ތައުލީމީ ދާއިރާއަށް ކަމުގައި ވިދާޅުވި އެވެ.

"މީގެތެރެއިން 857 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިސްލާމީ ޔުނިވަސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަންވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭ ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއް ނުވެ ގެންނަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. އަދި ކުރިންވެސް ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށާނެކަން ރައީސް ޔަގީންކޮށްދެއްވި އެވެ.

މިހަފްލާގައި އިސްލާމީ ޔުނިވަސިޓީން އެކި ދަރަޖައިގައި ދަސްވެނިވި 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ހާސިލްކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް މިސަރުކާރުން ވީ ވައުދުގެ ދަށުން ދަސްވެނިވި 78 އިމާމުން ވެސް ހިމެނެ އެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް ނުވަ ދަރިވަރުންނަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް ޓީޗިން އެންޑް ލާނިން އިން ދަސްވެނިވި ދަރިވަރުންނަށް މިހަފްލާގައި ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.