މީގެ 12 ވަރަކަށް އަހަރު ކުރިން ގާޓް-ޖޭން އޮކްސަމްއަށް ވަރަށް ބޮޑު އެކްސިޑެންޓެއް ކުރިމަތިވި އެވެ. މި އެކްސިޑެންޓުން އޮކްސަމްގެ ފުރާނަ ސަލާމަތްވީ ނަމަވެސް އޭނާގެ ސްޕައިނަލް ކޯޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ދެފައިގެ ވާގި ނެތުނެވެ.
ނަމަވެސް މިއަދު އޭނާއަށް 100 މީޓަރަށް ހިނގާފައި ދިއުމަކީ އެއްވެސް ކަމެއް ނޫނެވެ. އެއްވެސް މީހެއްގެ އެހީއާ ނުލައި އަމިއްލައަށެވެ.
އޭނާއަށް އަލުން ހިނގެން ފެށީ އޭނާގެ ސިކުނޑީގެ ފަހަތުގައި ހަރުކޮށްފައިވާ ކުޑަ އިމްޕްލާންޓަކުން ސްޕައިނަލް ކޯޑަށް ސިގްނަލް ފޮނުވައިގެން ސިކުނޑިން އޭނާގެ ފަޔަށް ސިގްނަލް ފޮނުވޭނެ ގޮތް ވީމަ އެވެ.
އަންގާރަ ދުވަހު އޮތް ޕްރެސް ކޮންފަރެންސެއްގައި 40 އަހަރުގެ އޮކްސަމް ބުނީ އަދި މާދުރަށް ހިނގާފައި ނުދިޔަ ނަމަވެސް ކުރިއަށް ވުރެ ރަނގަޅަށް ފައިމައްޗަށް ތެދުވެ އުޅެވޭ ކަމަށެވެ.
ގޭގައި އުޅޭއިރު ޕެއިންޓްކުރަން ކޮޅަށް ތެދުވެ ހުރުމާއި އެކުވެރިންނާއެކު ވަގުތު ހޭދަކުރާއިރު ތެދުވެ އެކި ކަހަލަ ބުއިންތައް އަމިއްލައަށް ނަގައިގެން ބުއިން ފަދަ ކަންތައްތައް ކޮށްލަން އޭނާއަށް މިހާރު އުނދަގޫ ނޫން ކަމަށް އޮކްސަމް ބުންޏެވެ.
"އަދިވެސް ހިނގަން އުނދަގޫ. އެކަމަކު މިވަރުވެސް ވީކަމާ މެދު އުފާކުރަން،" އޮކްސަމް ބުންޏެވެ.
އޮކްސަމް އަށް ހިނގޭ ގޮތްވީ "ކަޓިން އެޖް ޓެކްނޮލޮޖީ"ގެ އެހީގަ އެވެ. މިހާރު ދުނިޔޭގައި މި ޓެކްނޮލޮޖީ ބޭނުންކުރަނީ މަދު ޑަޒަނެއްހާ މީހުންނެވެ.
ސްވިޒަލެންޑްގެ ނިއުރޯރެސްޓޯގެ ރިސާޗަރުން މި ޑިވައިސް އުފައްދާފައިވަނީ އެމީހުން މަސައްކަތް ކުރާ ރިސާޗް، އިނޮވޭޝަން ޓްރީޓްމަންޓް ސެންޓަރުގަ އެވެ. އޮކްސަމް އަށް ފަރުވާ ދެމުންދަނީ މި ސެންޓަރުންނެވެ.
އޮކްސަމް އޭނާގެ ސިސްޓަމް ސިފަ ކުރަނީ ސްޕައިން އާއި ސިކުނޑިއާ ދެމެދުގައި އަޅާފައިވާ "ޑިޖިޓަލް ބްރިޖް"އެއްގެ ގޮތުގަ އެވެ.
މިދިޔަ ބުދަ ދުވަހު ޝާއިއުކުރި ޖާނަލް ނޭޗާގައިވާ ރިޕޯޓުގައި މި މަސައްކަތް ކުރާ ގޮތް ތަފްސީލް ކޮށްދީފައި ވެއެވެ.
ސާޖަރީ ހަދައިގެން އޮކްސަންގެ ބޮލުގެ ނާށިގަނޑުގެ އެތެރޭގައި ސިކުނޑީގެ ފަހަތުގައި ހަރުކޮށްފައިވާ އިލެކްޓްރޯޑްސް އިން އޭނާގެ ހިތަށް އަރާ އެއްޗެތި އޭނާ އަޅައިގެން އިންނަ އެންޓެނާ ހެޑްސެޓަކަށް ފޮނުވަ އެވެ.
ދެން އޭނާގެ ހިތަށް އަރާ އެއްޗެތި ޕްރޮސެސް ކުރަނީ އޭނާގެ ބުރަކަށީގައި އަޅުވާފައިވާ ބެކްޕެކް އަކުންނެވެ. އަދި ހިތަށް އަރާ އެއްޗެތި ކޮމާންޑްތަކަކަށް ބަދަލުކޮށްލަނީ ދެނެވެ. އެންމެ ފަހުން އޭނާ ކުރަން ހިތަށް އެރި ކަންތައް ހަރަކާތްތަކަކަށް ޓްރާންސްލޭޓް ކުރެވި ސްޕައިން ސްޓިމިއުލޭޓް ވެއެވެ.
މިއީ އެހާ ފަސޭހައިން ބަލި މީހުންނަށް ލިބެން ހުންނާނެ ސިސްޓަމެއް ނޫނެވެ. ސަބަބަކީ މި ސިސްޓަމް ހަރުކުރަން ސިކުނޑީގެ ބޮޑު ސާޖަރީއެއް ހަދަން ޖެހުމާއި ދުވާލެއްގެ އެތައް ގަޑިއިރެއް ހޭދަކޮށްގެން ތަމްރީނުތައް ހަދަން ޖެހޭތީ އެވެ.