މުހައްމަދު ނާޒިމް

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމާ ހަވާލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްފި އެވެ.

ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރީ މިރޭ އާޓިފިޝަލް ބީޗްގައި މިކަމަށްޓަކައި ބޭއްވި އެމްއެންޕީގެ ހާއްސަ ޖަލްސާއެއްގަ އެވެ.

މިޖަލްސާގައި ވަނީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ބޭނުންކުރައްވާ ލޯގޯއާއި ޝިއާރު އަދި ލަވަވެސް އިފްތިތާހްކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޝިއާރު ނުވަތަ ސްލޯގަން އަކަށް ނާޒިމު ބޭނުންކުރައްވާނީ "އުޖާލާ ޒަމާން" އެވެ. މިރެއިން ފެށިގެން މުޅި ރާއްޖޭގައި ނާޒިމުގެ ކެމްޕޭން ހަރަކާތްތައް ފެށިގެން ކުރިއަށްދާނެ ކަމަށް އެމްއެންޕީން ވަނީ އިއުލާންކޮށްފަ އެވެ.


އެމްއެންޕީއަށް ތާއީދުކުރާ އެތައް ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކުން މާލެ އައިސް މިރޭގެ ޖަލްސާގައި ބައިވެރިވެފައިވެ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ ނާޒިމު އެކަންޏެވެ. އެހެންވެ ޕްރައިމަކާ ނުލައި ނާޒިމަށް ޓިކެޓް ކަށަވަރުވީ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އެވެ. މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.