އެމްއެމްޕީއާރުސީ އިން، ވަގަށް ނަގާފައިވާ 1.22 ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ޕީޕީއެމްއަށް ވެސް އަދި އެ ޕާޓީގެ އެއްވެސް އިސްވެރިއަކަށް ލިބިފައި ނުވާ ކަމަށް އެ ޕާޓީ އިން މިރޭ ބުނެ އެ ބަޔާން ކުށްވެރިކޮށްފި އެވެ.
އެ ކުންފުނިން ގެއްލުނު، ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ޖަމާވެފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށާއި ހުރިހާ ފައިސާ ދީފައި ވަނީ ރައީސް އާއި ރައީސްގެ އަނބިކަބަލުންނާއި ޕީޕީއެމް އާއި އެޕާޓީގެ މަޖިލިސް މެންބަރުންނާއި އިސް ފަރާތްތަކަށް ކަމަށެވެ.
އެކަން ދޮގު ކުރަމުން ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭގެން އެއްވެސް ފައިސާއެއް ޕާޓީއަށް ވެސް އަދި ޕާޓީގެ އެއްވެސް އިސް ފަރާތަކަށް ލިބިފައި ނުވާކަމުގެ ޔަގީންކަން ޕާޓީގެ އެންމެހާ މެންބަރުންނަށާއި ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށެވެ. ޕީޕީއެމް އިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ހޯދާ އެއްވެސް ފައިސާއެއް އެ ޕާޓީ އިން ބަލައިގަނެ ބޭނުން ވެސް ނުކުރާނެ ކަމަށެވެ. ޕާޓީގެ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލާފައި ވަނީ އެއަށް ވުރެ މާ ހަރުދަނާކޮށް ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.
"އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ، އެއް ބިލިއަން ރުފިޔާ ޕީޕީއެމް ގެ ވެރިންނާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ ނެރެފައިވާ ބަޔާނަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ތައްުޔާރުކޮށް ނެރެފައިވާ ބަޔާނެކެވެ. އެ ބަޔާނުގައި ބުނެފައިވާ އެއްވެސް ފައިސާއެއް ޕީޕީއެމްއާ ހަވާލުކޮށްފައި ނުވާ ކަމަށް މި ޕާޓީގެ މެންބަރުންނަށާއި އާންމު ރައްޔިތުންނަށް ޓަކައި މައުލޫމާތަށް ޓަކައި ދެންނެވީ މެވެ،" ބަޔާނުގައިވެ އެވެ. "މިފަދަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަބަލުންނާއި މި ޕާޓީގެ ވެރިންނާއި މި ޕާޓީ ބަދުނާމުވާ ގޮތަށް އެސްއޯއެފް ގެ ފަރާތުން ނެރެފައިވާ ބަޔާން މި ޕާޓީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،"
ޕީޕީއެމް އިން ބުނީ އެ ޕާޓީ އިން ހަރަކާތްތެރިވަނީ ރާއްޖޭގައި ހަދާފައިވާ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން އަންނާތީ ކަމާ ބެހޭ ފަރާތްތަކުން އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް ޕީޕީއެމް އިން ވަނީ ގޮވާލައިފަ އެވެ.