މާލޭ ސިޓީ ކައުންސިލް

އާސަހަރާ ބަންދުކޮށް މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލުކޮށްފި

އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު މާލެސިޓީ ކައުންސިލުން ހަމަ ޖައްސައިފި އެވެ.

އާސަރަހައްދު ބަންދުކުރުމަށްފަހު މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާސަހަރާ ތަރައްގީކުރުމަށް ނިންމާ މި މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް މާދަމާ ފަށާނެ ކަމަށެވެ.

މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ކައުންސިލުން ބުނެ އެވެ. އަދި ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސިޓީ ކައުންސިލުން ވަނީ އަމާޒު ހިފާފަ އެވެ.

އާސަހަރާ ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގަ އެވެ.

އާސަހަރާގެ އިތުރުން މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.