ބޮލީވުޑް

60 އަހަރުގެ އެކްޓަރު އާޝިޝް ވިދްޔާރްތީ ކައިވެނިކޮށްފި

ވަރަށް ގިނަ ބޮލީވުޑް ފިލްމުތަކުގައި ނުބައިބައި ކުޅެފައިވާ އެކްޓަރު އާޝިޝް ވިދްޔާރްތީ އުމުރުން 60 އަހަރުގައި ދެ ވަނަ ކައިވެންޏެއް ކޮށްފި އެވެ. މޭ 25 ވަނަ ދުވަހު އާޝިޝް ކައިވެނިކުރީ އާސަމްގެ ގުވަހާޓީގައި ދިރިއުޅޭ ރުޕާލީ ބަރުއާ ކިޔާ އަންހެނަކާ އެވެ.

އާޝިޝްގެ ކައިވެނީގެ ވާހަކަ ގިނަ ބަޔެއްގެ ސަމާލުކަމަށް އައީ އޭނާ ދެވަނަ ފަހަރަށް ކައިވެނިކުރި މީހާ އޭނާގެ ދަރިއެއްހާ ހަގު މީހަކަށް ވާތީ އެވެ.

މިކަމާ ފާޑު ކިޔާ މީހުންނަށް އާޝިޝް ވަނީ ޖަވާބު ދީފަ އެވެ. އޭނާ ބުނީ ލޯބީގެ މައްސަލައިގައި އުމުރަކީ ހަމައެކަނި އަދަދެއް ކަމަށެވެ.

ރުޕާލީ އަކީ ކޮލްކަތާގައި ވަރަށް ބޮޑު ފެޝަން ސްޓޯރެއް ހިންގާ ވިޔަފާރިވެރިއެކެވެ.

އާޝިޝް އެންމެ ކުރިން ކައިވެނިކުރީ ރާޖޯޝީ ވިދްޔާރްތީ އާ އެވެ. އާޝިޝް އާއި ރާޖޯޝީ 2021ގައި ވަކިވެފައިވަނީ ކައިވެންޏަށް 23 އަހަރު ވީފަހުންނެވެ. އެ ދެ މީހުންގެ ފިރިހެން ދަރިއަކު ހުރެ އެވެ.