ލައިފްސްޓައިލް

ކެންސަރު ޖެހިފައިވާ އެކުވެރިޔާއަށް ހިތްވަރުދިނުމަށް ހުރިހާ އެކުވެރިން ބޯ ބާލައިފި

ކެންސަރާ ހަނގުރާމަކުރަމުންދާ ޓީންއޭޖް ފުރައިގެ އަންހެން ކުއްޖެއްގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުންނާއި އޭނާއާއެކު ހުރިހާ އެކުވެރިން ވެސް ތިބިކަން ހާމަކުރުމުގެ ގޮތުން އޭނާގެ އެކުވެރިން ހިމެނޭ ގްރޫޕެއްގެ ހުރިހާ ކުދިން ބޯ ބާލައިފި އެވެ.

އަންހެން ކުއްޖާގެ އެކުވެރިން ބުނީ މިއީ އެކުވެރިޔާގެ މި އުނދަގޫ އެހާމެ ވޭނީ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި އޭނާއާއެކު ސާބިތުކަމާއެކު ހުރިހާ އެކުވެރިން ވެސް ތިބިކަން ހާމަކުރަން ކުރި ކަމެއް ކަމަށެވެ.

އެކުވެރިން ބޯ ބޭލުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔައީ އަންހެންކުއްޖާގެ ގޭގެ ބޭރުގަ އެވެ. މި މަންޒަރު ބަލަން އާއިލާގެ މީހުންނާއި އެހެން ބައެއް އެކުވެރިން ވެސް ތިއްބެވެ.

ކޮންމެ ކުއްޖަކު ވެސް ބޯ ބޭލުމުގެ ކުރިން އޭނާ މިކަން ކުރަން ނިންމި ސަބަބާއި މީގެ މާނަ އަންހެން ކުއްޖާ ކައިރި ބުނެ އެވެ. އަދި ގޭތެރެއަށް ވަނުމުން އަންހެން ކުއްޖާ އޭނާގެ ކޮންމެ އެކުވެރިއެއްގެ ބޮލުގައި ފިރުމާލަ އެވެ. ކޮންމެ ކުއްޖެއްގެ ވާހަކައިން އަންހެން ކުއްޖާގެ މޫނަށް އުފާވެރިކަން ވެރިވިނަމަވެސް އޭނާގެ ދެ ލޯ ކަރުނައިން ފުރޭ މަންޒަރު މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި ފެނެ އެވެ.

"އެކަކު ވެސް އެކަނި ހަނގުރާމަ ކުރާކަށް ނުޖެހެ އެވެ،" 'ގުޑް ނިއުސް މޫވްމަންޓް' ކިޔާ ޓުވިޓާ އެކައުންޓަކުން ޝެއާކޮށްފައިވާ މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

އެކުވެރިން މިކަން ކުރަން އުޅޭކަން ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ކުއްޖާއަކަށް ކުރިއަކުން ނޭނގެ އެވެ. އެހެންވެ ކުއްލިއަކަށް އެންމެން އޭނާގެ ގޭދޮށަށް އެއްވެ ބޯ ބާލަން ފެށުމުން އޭނާ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ފެނެ އެވެ.

ވީޑީއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ މިފަދަ އެކުވެރިން ތިބި ނަމަ ކިތަންމެ އުނދަގޫ ދަތުރެއް ވެސް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އަންހެން ކުއްޖާއަށް ދިމާވި މި ހިތާމަވެރި ވަގުތުގައި ރައްޓެހިން އޭނާއާ އެކުގައި ތިބީތީ ވަރަށް އުފާ ކުރާ ކަމަށް ވެސް ކޮމެންޓު ކުރި މީހުން ބުނެފައި ވެއެވެ.