ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބުގައި ބައެއް ބޭފުޅުން ވާދަކުރައްވަނީ މިސަރުކާރުގެ ތަރައްގީގެ ފައިދާ ނަގަން: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ މިސަރުކާރުން ރާއްޖޭގެ ރަށްތަކަށް ގެންނަމުންދާ ތަރައްގީ ފެނި އެކަމުގައި ފައިދާ ނެންގެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފ. އަތޮޅުގެ ވެރިރަށް -- ނިލަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ނިލަންދޫ ރައްޔިތުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ މިސަރުކާރުގެ ތަރައްގީ ފެނި ބައެއް ބޭފުޅުން ވެރިކަމަށް ކުރިމަތިލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެ ބޭފުޅުންނަށް ކުރީގައި ސަރުކާރުގެ ތެރެއިން ލިބުނު ފުރުސަތުތަކުގައި ރާއްޖޭގެ ރައްތަށް ތަރައްގީ ނުކޮށް އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

"ވެރިކަމާ ދިމަލަށް އެބޭފުޅުން އަމާޒު ހިފާފައި ތިބީ މިގެނައި ބަދަލުގެ ނަފާ ހޯދުމުގެ ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ އަތޮޅު ތެރޭގެ ރައްޔިތުން ތަފާތު ބޭނުންތަކުގައި މާލެއަށް ދާންޖެހޭ މިންވަރު މަދުކޮށް، ރަށްރަށުގައި އަސާސީ ގިނަ ހިދުމަތްތައް ލިބޭނެ ގޮތް ހެދުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެންދާއިރު އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ އަސާސީ އަދި ޒަރޫރީ ގިނަ ހިދުމަތްތައް ގާއިމުކޮށް ނިމެމުންދާ ކަމުގައި ވިދާޅުވި އެވެ.

"ހިދުމަތްތައް ގާއިމުކުރުމާ އެކު ތަފާތު ބޮޑު ބަދަލެއް [ރަށްރަށުން] ފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން އޮތީ ގެއްލިފައި ކަމަށެވެ. އެހެންވެ އަމާޒަކަށް ހެއްދެވީ ސިޔާސީ ހިޔާލުތަފާތުވުންތަކާ އެކު ވެސް ގައުމަށް ހަމަޖެހުން ގެނައުމަށް ކަމުގައި ވިދާޅުވި އެވެ. އަދި އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުނު ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެން ގުޅިގެން އެކީގައި އުޅެވެންޖެހޭނެ ކަމަށާއި ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި ހަމަޖެހުން ގާއިމުކުރެވި ގުޅިގެން ކުރިއަށް ދެވޭނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ އެވެ. ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ބައެއް މަޖިލިސް މެންބަރުން ވެސް ފ. އަތޮޅަށް ވަޑައިގެންނެވި އެވެ.