އިއާދަކުރަނިވި ހަކަތަ

155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްލަނީ

ރާއްޖޭގެ 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފ. ނިލަންދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ 155 މިސްކިތް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓް ވެސް ލިބިފައިވާ ކަމަށެވެ.

މިމަޝްރޫއު ނިމުމުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިސްކިތްތަކުގައި އޭސީ ހުންނާނެ ކަމަށާއި އެކަމަކު ކަރަންޓު ބިލްގެ ހަރަދު 50 ޕަސަންޓް ކުޑަކޮށްލެވޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ރައީސް ސޯލިހް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިވައުދު އަދި މުޅިން ފުއްދިފައެއް ނުވެ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، މިއަހަރުގެ ނިޔަލަށް 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކަނޑައަޅާފައިވެ އެވެ.