އިރުއިރުކޮޅާ ސަރުކާރު ބަދަލުވުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް ހުރަސް އެޅޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގއ. ނިލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެ މިހާރު ކުރިއަރަމުން މިދަނީ ޒަމާނީ ޑިމޮކްރަސީ އަކަށް ކަމަށެވެ.
ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް ބަޔަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމަވެފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއާއި އެކީގައި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ޖާގަދީ ރައްޔިތުންނަށް ކޮށްދޭންޖެހޭ މަސައްކަތްތައް ކޮށްދެމުން ގެންދަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވަމުން ދާ ކަމަށް ވަންޏާ އެކަންތައްތައް [ތަރައްގީ] ހުއްޓިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2008 ގައި އެމްޑީޕީ ވެރިކަމަށް އައިސް ފެށި ގިނަ ކަންތައްތަކެއް އެއާ ޖެހިގެން އައި ރިޔާސީ ދައުރުގައި ބަދަލުވެގެން ހިނގައްޖެ ކަމަށެވެ. އަދި ރަށްރަށާއި ދޭތެރޭގައި އަޅާލަންވާ ވަރަށް މަސައްކަތްތަކެއް ކޮށްދެވިފައި ނުވާ ކަމަށް ފާހަގަކުރެއްވި އެވެ.
ރަށްރަށާއި ދޭތެރޭގައި އަޅާލަންވާ ވަރަށް އެ ފަސް އަހަރުގެ ތެރޭގައި އަޅާލެވިފަ އެއްނެތް
ރައީސް ވިދާޅުވީ މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީ ރާއްޖޭގައި ކުރިން އޮތް ހަލަަބޮލި ކަމާއި ހަމަނުޖެހުމަށް ހުއްޓުމަކަށް ގެނެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަރައްގީގެ މަގުގައި ކުރިއަށް ދާން މަސައްކަތްތައް ކުރާ އިރުގައި އެންމެ މުހިއްމު އެއް ކަމަކީ ހަމަޖެހުން ގާއިމުވެފައި އޮތުން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް އެބަ ހުރިކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ މަސައްކަތްތަކާއިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަލަބޮލިކަން ނައްތާލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ އުފާވެރި އަމާން ރާއްޖެއެއް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެމީހަކު ދިރިއުޅޭ ތަނެއްގައި ހުރެ ކަށަވަރުކުރުން ކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގެ ބައިތައް މިހާރު ހާމަ ކުރެވެމުން ދާ ކަމަށާއި އޭގެ ތެރެއިން ހާމަކުރި ސިޔާސަތުގެ ތެރޭގައި 12 ކަމެއް އެކުލެވިގެން ވާނެ ކަމަށް ރައީސް ފާހަގަ ކޮށްފައިވެ އެވެ.
ރާއްޖޭގައި ފެށިގެންދިޔަ ވަރަށް ގިނަ އިޖުތިމާއީ ހިދުމަތްތަކުގެ ފެށުމަކީ އެމަނިކުފާނުގެ ދައުރުގައި ފެށިގެން ދިޔަ ކަންތައްތައްކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އަދި ވަރަށް ގިނަ ހިދުމަތްތަކެއް ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ސަރުކާރުން ވަނީ ފަށާފައިކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
"ދެން މި އޮތީ މި ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ލުއި ފަސޭހަ ކުރުމާއި އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެކަންތައްތައް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މުޖުތަމައުގެ ބަދަހި ކަމަކީ އެ މުޖުތަމައެއްގެ އެންމެންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ވާއިރު އެ ކަންތައް ކުޑަ ކުދިންނާއި، ބޮޑެތި މީހުންނާއި، ޅަފުރައިގެ ކުދިންނާއި، ޒުވާނުންނާއި، އުމުރުން ދޮށީ މީހުންނަށްވެސް ގާއިމް ކޮށްދޭން ޖެހޭނެ ކަމަށެވެ.
"މި ވެށީގައި އާއިލާއާއި ކުޑަކުދިންނާއި ރަހުމަތްތެރިންނަށް އެއްވެވޭނެ ކަންތައް ގާއިމް ކޮށްދީ އެންމެންގެ ބައިވެރިވުން ކަށަވަރު ކުރަން އެބަ ޖެހޭ" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ނިލަންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ މަގުތައް ވިއްސާރަ ވުމުން ފެންބޮޑުވެ ޗަކަ ވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގެ މަގުތަކުގައި ތާރު އަޅައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
ނިލަންދޫގެ ޒުވާނުންނަޑް ޔޫތް ސެންޓަރެއް އަޅައިދިނުމުގެ އިތުރަށް އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޒަމާނީ ފެންވަރަށް ބަނދަރު ހަދައިދީ ރަށުގެ ޒުވާނުންނަށް ފުޓުބޯޅަ ދަނޑު އަޅައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.