ރިޕޯޓް

ނާޒިމާއި ފިސްތޯލަ: އަމާޒަކީ އިންގިލާބެއްތަ؟

Jan 25, 2015
13

މިއީ އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގެ މިކަހަލަ ސިޔާސީ ފުރޮޅުންތަކަށް ބަލާއިރު އަސްކަރީ ޖެނެރަލުން ވެރި ކަމަށް ވަޑައިގަތުމަށް ދަތުރު ކުރައްވާ ގޮތާއި ނާޒިމްގެ މައްސަލައިގެ ބޭރަށް ފެންނާން ހުރި މަންޒަރުތަކާ ގުޅުވައިލެވިދާނެ އެވެ. -- މީގެ މާނައަކީ މިގޮތަށް ކަންކަން ރާވާފައި އޮތެކޭއެއް ނޫނެވެ. ކޮންމެހެން އެހެންވާކަށް ނުޖެހެ އެވެ. --

ނާޒިމަކީ މަތީ ދަރަޖައިގެ މިލިޓަރީ ކޮމާންޑަރެކެވެ. އެފަދަ ޖެނެރަލަކު ވެރި ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އުފެދިއްޖެނަމަ އާންމުކޮށް ހިޔާރު ކުރައްވާނީ ދެ މަގެކެވެ. އެއް ގޮތަކީ ރައްޔިތުންގެ ބާރު އަސްކަރީ ބާރާ ގުޅުވައިލުމެވެ. އެކަމަކު އެއީ ވެރިކަމަށް ވަޑައިގަތުމަށް ހިނގާންޖެހޭ ދިގު މަގެކެވެ. ބޮޑު ހަރަދަކާއި ބުރަ މަސައްކަތެކެވެ.

އަނެއް ގޮތަކީ ހަތިޔާރުގެ ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގެންނެވުމެވެ. އެއީ އެކަތިފަހަރުގެ ކުރު މަގެކެވެ. އާންމު ގޮތެއްގައި ވެރި ކަމުގެ ޝައުގުވެރި ކަމުގައި މަސައްކަތް ފަށާ ގިނަ ޖެނެރަލުން ހިޔާރު ކުރަނީ މީގެ ތެރެއިން ކުރުމަގެވެ. އެއީ ބަޑީގެ ބޭނުން ހިފުމެވެ. ދުރަށް ނުގޮސް ހަމައެކަނި ސަރަހައްދުގެ ބައެއް ގައުމުތަކަށް ބަލައިލިއަސް މި ޖަވާބު ހޯދާލަން ދައްޗެއް ނުވާނެ އެވެ. ރިސާޗްކޮށްލާށެވެ.

ނާޒިމް ސިފައިންގެ ވަޒީފާއާ ގުޅި ވަޑައިގެންނެވީ މާޗް 11، 1987 ގައެވެ. ކާނަލްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެ މައްސަލަ ކޯޓަށް ދިޔަ ނަމަވެސް ކޯޓުން ބޭރުގައި ހައްލުކޮށް ވަޒީފާ ރުޖޫއަ ކުރުމުން ޝަރަފްވެރިކަމާއެކު މަގާމުން އިސްތިއުފާ ދެއްވީ އެވެ. އޭރު ނާޒިމް ވިދާޅުވި ގޮތުގައި ގައުމަށް ހިދުމަތްކުރުމަށް އެމްއެންޑީއެފްގައި ދެމިހުރުމުގައި ދަތިތަކެއް ހުރުމުން އިސްތިއުފާ ދެއްވީ އެވެ. ވަކިވި ކަމުގައި ވިޔަސް ހާލަތު ނިޔާކުރާ ގޮތުން "އެ ވަގުތަކު ފުރުސަތު އޮތް ގޮތަކަށް" ގައުމަށް ހިދުމަތްކުރުމުގައި ދެމިހުންނަވާނެ އެވެ.

އެހެން ވިދާޅުވި އިރު ރައީސް ނަޝީދުގެ ސަރުކާރުން އޭރުވެސް ދުށީ ނާޒިމަކީ އަސްކަރިއްޔާގެ ތެރޭގައި އެމަނިކުފާނަށް ހުރި "ނުރައްކަލެއް"ގެ ގޮތުއެވެ. އޭރުވެސް ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް ނާޒިމް "ބާޣީ"އަކަށް ވެއްޖެ އެވެ. އަދި އިދިކޮޅު މީހުންނަށް ނާޒިމް "ޣާޒީ"އަކަށް ވެއްޖެ އެވެ. ދެން އައީ ހަތެއް ފެބުރުއަރީ އެވެ. އެދުވަހު ވެސް ނަޝީދުގެ ސަޕޯޓަރުންނަށް ނާޒިމްވީ "ބާޣީ"އަކަށެވެ. އިދިކޮޅު މީހުންނަށް "ޣާޒީ" އަކަށެވެ.

މިހާރަށް ބަލަމާ ހެއްޔެވެ؟ ރައީސް ޔާމީންގެ ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރެއްވުމާއެކު ނާޒިމް ވަރަށް ގިނަ ވާހަކަ ދެއްކެވި އެވެ. ހުރިހާ ވާހަކަތަކަށް ބަލާއިރު ރައީސް ޔާމީނުގެ ސަރުކާރުން ދެން ވަޒީފާއެއް ހަވާލު ކުރިޔަސް ގަބޫލު ނުކުރައްވާނެ ކަން ވަރަށް ސާފުކޮށް ވިދާޅުވި އެވެ. މި ވާހަކައާ "އެ ވަގުތަކު ފުރުސަތު އޮތް ގޮތަކަށް ގައުމަށް ހިދުމަތްކުރުމުގައި ދެމި ހުންނަވާނެ" ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމާ ގުޅުވައިލާ ފުނަން ވިސްނައިލީމާ ނުކުންނަ ޖަވާބެއް ހޯދައިލަން ހިސާބެއް ހަދާށެވެ.

މިތާނގައި އިބާރާތް ގެންނަވާފައިވާ ގޮތަށް ބަލާށެވެ؛ ރަނގަޅު ދޭހައެއް ހަދައިފިނަމަ ހަވައްޑޭ ތުއްތުގެ ރައިވަރުން ފެންނަ ކަހަލަ ކިތަންމެ ސިޔާސީ މެސެޖެއް ލިބޭނެ އެވެ. "އަޅުގަނޑު މިއަދު މި ގަސްދުކުރަނީ ކުރިއަށް އޮތް ތަނުގައި މި ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް ދެން ކުރިމަތި ނުލާން. އަދި ހަވާލު ކުރެއްވި ކަމުގައިވިޔަސް ނުކުރަން ނިންމާފަ އޮތްކަން އަޅުގަނޑަށް ހެޔޮއެދޭ ފަރާތްތަކަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު މިއަދު ހާމަ ކުރަން،"

ދެންވިދާޅުވީ ކީކޭތޯ އެވެ؟ "މިއަށްވުރެ [ޑިފެންސް މިނިސްޓަރު] ކަމަށްވުރެ މަތީ މަގާމެއްގަ މަސައްކަތް ކުރުމަކީ އަޅުގަނޑު ކުރާ އުންމީދެއް! އަދި އެ އުންމީދު ހާސިލް ކުރުމަށް އަޅުގަނޑު ރައްޔިތުންނާއެކު މަސައްކަތް ކުރާނަން،"

އެއީ ކޮން ވާހަކައެއް ހެއްޔެވެ؟ ފަހަރުގައި އެއީ ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތްޕުޅުން ރަނިންމޭޓަކަށް ވެވަޑައިގަތުން ކަމަށް ބެލެވިދާނެ އެވެ. އޭރުން ވާނީ ނައިބު ރައީސަކަށެވެ. އެހެންނަމަވެސް ނާޒިމްގެ އިންޓަވިއުގައި ސިފަ ކުރައްވާފައި ވަނީ ގައުމުގެ ދެވަނަ މަގާމަކީ ޑިފެންސް މިނިސްޓަރުގެ ގޮތުގައެވެ. އެ އިބާރާތް ގެންނަވާފައިވާ ގޮތާއި މޫނު މަތީގެ އެކްސްޕްރެޝަންއަށް ބަލާއިރު "މިރާއްޖޭގެ ދެވަނަ މީހާއަކީ މަށޭ، ރައީސް ޔާމީނު ތިބޭފުޅޭ އެމަގާމު މަށަކަށް ނުދެއްވީމެއް ނޫންހޭ!" ވިދާޅުވާހެން ހީވެ އެވެ. އެކަމަކު އެހެންވެސް ވިދާޅުވިއެކޭއެއް ނޫނެވެ.

"ރައީސްގެ އަރިހުގައި އެންމެ އިސްކޮށް ހުންނާނީ ޑިފެންސް މިނިސްޓަރު. ދުނިޔޭގެ ކަންތައް އާދަވެ ހިނގަމުންދާ ގޮތް އެއީ،"

އެހެން ވިދާޅުވެފައިމެ ހަމަ ސީދާ ރައީސް ކަމަށް ތައްޔާރުވެ ވަޑައިގަންނަވާކަން ނާޒިމް ދޭހަވެސް ކޮށްދެއްވަ އެވެ. ސިޔާސީ ކެރިއަރު ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވެއެވެ.

"ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ޚިދުމަތުގައި ސާބިތުކަމާއެކު ހުންނާނަން. ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އަޅުގަނޑު ހުންނާނީ ފޫގަޅައިގެން،"

ނާޒިމަކީ މިލިޓަރީ ކޮމާންޑަރަކަށްވެފައި މިހާ ދުވަހަށް ޑިފެންސް މިނިސްޓަރު ކަމަށްވުމުން އަސްކަރިއްޔާ އާއި ސަލާމާތީ ބާރުތަކުގެ ތަރުތީބާއި ކަން ހިނގާ މަގު ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. "ވަރަށް ގިނަ ދުވަހު ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރި މީހަކަށް ވާތީ،" އެ އިބާރާތް ގެނެސްދީފައި އެވަނީ ވެސް އެކަން ސާބިތުކޮށްދެއްވަން ވެގެންނެވެ.

އިންޓަވިއުގެ އެބަޔަށް ބަލާއިރު ނާޒިމްގެ ފަރާތުން ސިޔާސީ ބޭނުމެއްގައި ގައުމީ ސަލާމާތާ ގުޅޭ ކަންމުގެ ބައެއް ވާހަކަ ފެންމަތިވެދާނެ އެވެ. މިއީ އަސްކަރީ ޖެނެރަލުން ވެރިކަމުގެ ޝައުގުވެރިކަމުގައި ނުކުުންނެވުމުން ހިނގާފައި ހުރި ކަންކަމެވެ. އަދި މިބައިގައި ނާޒިމް ބޭނުން ކުރެއްވި އިބާރާތަކީ "ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރި މީހަކަށް ވާތީ، އަދި ދައުލަތުގެ ވަރަށް ގިނަ ސިއްރުތަކެއް އަޅުގަނޑަށް އެނގޭނެތީ" އެވެ.

މިއާ ދާދި އެއްގޮތަށް އަވަށްޓެރި ސްރީލަންކާގައި ވެރިކަމުގެ ޝައުގުވެރިކަން ފާޅު ކުރެއްވި ޖެނެރަލް ސަރަތު ފޮންސޭކާ ވެސް އިބާރާތް ބޭނުން ކުރެއްވި އެވެ. ލަންކާގެ ޑެއިލީ މިރާގެ އާކައިވްސް އަށް ފީނާލާށެވެ.

ދެން ދެއްކެވި ވާހަކަތަކަށް ބަލާއިރު ވެރިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ އަސްކަރީ ޖެނެރަލުންގެ ތެރެއިން ވަރަށް ގިނަ ޖެނެރަލުން ވިދާޅުވާ ވާހަކަތަކާ ވަރަށް ގުޅޭ އެހެން ވާހަކަފުޅެއް ވެސް ނާޒިމް ވިދާޅުވެފައި ވެއެވެ، އެއީ "އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަން މިއަދު ނެތޭ" ވިދާޅުވި ވިދާޅުމެވެ.

އަދި އެހެން ސިފައެކެވެ. އަސްކަރީ ޖެނެރަލަކު ވެރި ކަމަށް ވަޑައިގަންންވާއިރު ވަރަށް ގިނަ ފަހަރަށް ކުރީގެ ޖެނެރަލުން ކައިރި ކުރެ އެވެ. ނާޒިމާ ގުޅޭ ގޮތުން މިއީ އިއްތިފާގެއް ކަމަށް ބެލިދާނެ އެވެ. ނަމަވެސް އަސްކަރީ ރިޓަޔާޑް ބޭފުޅުން ނާޒިމާ ގާތަށް ގެންދެވި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އިސް މަގާމަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ގެންދެވި އެވެ. އައިޖީއެމްއެޗާ ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލު ހިންގަން ގަވަނިން ބޯޑެއް އެކުލަވައިލި އިރު އެ ބޯޑުގައި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނަރަލް ރިޓަޔާޑް ފަރުހަތު ޝަހީރު ހިމެނެ އެވެ. އައިޖީއެމްއެޗްގެ ސީއީއޯއަކީ ވެސް ފަރުހަތު ޝަހީރެވެ. މިމަގާމްތަކަށް ރައީސް އެބޭފުޅުން ލައްވާނީ ނާޒިމްގެ ލަފަޔަށް ކަމަށް ބެލެވެ އެވެ. އެހެންވިޔެކޭއެއް ނޫނެވެ.

ދެން އޮތީ ނާޒިމްގެ ހުންނެވި އެޕާޓްމަންޓަކުން ފިސްތޯލައާ ވަޒަނާއި ބޮން ފެނުނު ކަމަށް ބުނާ ވާހަކަ އެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ކަމެއް ބުނެދޭކަށް ނޭނގެ އެވެ. އެކަން ފެންމަތިވެގެން އަތުވެދާނެއެކޭވެސް ހިތެއް ނުބުނެ އެވެ. މިއާ ހިލާފަށް އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވާ ހަގީގަތް ކަމަށްވެފައިމެ، ބޭރަށް ފެންނާންހުރި ކަންކަމާ ގުޅުވައިލީމާ ނުކުންނާނެ ނަތީޖާ އާއި ދަތުރުކުރި މަގު ދިމާކޮށްލެވިދާނެ އެވެ. އެހެން ނަމަވެސް އެހެން އެކަން ކުރިއެކޭ އަދި އެކަން އެހެން ވާނެއެކޭ ބުނަނީއެއް ނޫނެވެ. އިތުރަށް ރިސާޗްކޮށްގެން ބަލާށެވެ.

އަސްކަރީ ބާރާއި އާންމުންގެ ބާރު ގުޅުވައިލުން އޭގެ ކުރިމަތީގައި ވެރިކަމަކަށް ހެދޭނެ އެއްގޮތްވެސް ނޯންނާނެކަށް ރާއްޖެއަށް ސާބިތުކޮށްދެއްވި އަސްކަރީ ޖެނެރަލަކީ ނާޒިމެވެ.

ވެރި ކަމަށް ވަޑައިގަތުމަށް ޖެނެރަލް ނާޒިމް ދިގު މަގެއް ހިޔާރު ކުރެއްވި ނަމަ އެ މަސައްކަތް ފެށިފައި ވާނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ތެރެއިން ލިބި ވަޑައިގެންނެވި ބާރުގެ ތެރޭގައި ހުންނަވައިގެން ކަމަށް މީހުން ދައްކާ ވާހަކައިން ދޭހަވެ އެވެ. އޭގެ އެއް ވާހަކައަކީ މެލޭޝިޔާ ސަފީރު ކަމުގައި ހުންނެވި މުހައްމަދު ފަޔާޒުގެ ސިޔާސީ ޕާޓީ، ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއައިއޭ) އަކީ ނާޒިމްގެ ހިޔާލަށް އަސްކަރީ އެކުވެރިންތަކެއް ވުޖޫދަށް ގެނައި ޕާޓީއެއް ކަމަށް ބުނާ ބުނުމެވެ.

އެ ވާހަކަ ބާއްވާފައި މާޒީއަށް ބަލާލާއިރު އިލްޔާސް އިބްރާހިމް ޑިފެންސްގެ ނައިބު ކަމުގައި ހުންނަވައިގެން ހޯއްދެވި އަސްކަރީ ލޯތްބާއި ފަހުން އެޓޯލްސް މިނިސްޓްރީގައި ހުންނަވައިގެން ހޯއްދެވި ރަށްވެހި ކަމުގެ ލޯބީގެ ބާރާއެކު ވެރި ކަމަށް ވަޑައިގަތުމަށް އުޅުއްވި ކަމަށް ބުނާ ފަދަ ރޯލެއް ނާޒިމަށް ލިބި ވަޑައިގެންފައި އޮތެވެ.

އޭނާއަކީ ޑިފެންސް މިނިސްޓަރެވެ. ލާމަރުކަޒަކީ ނިޒާމްގެ ތެރެއިން ރާއްޖޭގެ ހުރިހާ ކައުންސިލަކާ ހަވާލުވެ އޮތް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ރައީސެވެ. ފެނަށް ޖެހުނީމަށް ފެން ފޯރުކޮށްދޭ، ކާރިސާ ކުރިމަތިވީމާ އެހީވެދޭ ފެން ބޮޑުވީމާ އެހީވާ ޑިޒާސްޓާ މެނޭޖްމަންޓް ވެސް އޭނާގެ އަތުގަ އެވެ. އިމިގްރޭޝަން ޑިޕާޓްމަންޓް އޭނާގެ އަތުގައެވެ. ތެލާއި ކާޑުގެ ބާވަތްތައް ގެންގުޅޭ އެސްޓީއޯ އޮތީ އޭނާގެ އަތްފޯރާ ފަށުގައި ބާރު ހިނގާ ގޮތަށެވެ. ސިއްހީ ދާއިރާ އޭނާގެ އަތުގަ އެވެ. ސީއެމްބިއުލާންސް "ދުއްވީ" އޭނާއެވެ. ހެލި ކޮޕްޓަރުގައި ބަލިވެގެން މީހުން އުފުލަނީ އޭނާ އެވެ. މީގެ މާނައަކީ އެއިން ނާޖާއިޒު ފައިދާ ނެންގެވިއެކޭއެއް ނޫނެވެ. އެ ފުރުސަތު އޮތޭ އެވެ.

އެފައިދާ ހޯއްދަވާފައި ނެތޭ ވެސް ބުނާކަށް ނޭނގެ އެވެ. މިސާލަކަށް ޒުވާނުންނަށާއި ރަށްރަށް އެސްޓީއޯއިން ކުރި ހަރަދުތަކާ ގުޅުވިދާނެ އެވެ. ސިފައިން ތުނބުޅި ބެހެއްޓޭ ގޮތް ހެދުން ވެސް ނެގިދާނެ އެވެ. ސިފައިންނަށް ފްލެޓް ދިނުމުގެ މަޝްރޫއުތަކަށް އެހުރީ އެވެ. ސެނަހިޔާ ފުޅާކޮށް އާންމުންގެ ބައެއް ފަރާތްތަކަށް ހުޅުވައިލި އެވެ. އަބަދުހެން ހަވާ އެރުވި އެވެ. މިހެންހުރި ބައިވަރު ކަންކަމެވެ.

އެހުރިހާ ކަމެއްގެ ތެރެއިން އެސްޓީއޯގެ ޒަމާންވީ "ޕީޕަލްސް ޗޮއިސް" އެއްލާލައި ގެނައި "ނޫފަހި" އެއީ ވެރިކަމަށް ވަޑައިގަތުމަށް ދުރު މަގަކުން ހިންގެވުމުގައި ޑީއާރްޕީގެ ނުލައި "ނާޒިމް 2018" އާ ގުޅުވައިލުން ހެއްޔެވެ؟  ނޫނީ އެކުވެރި އަބްދުﷲ ރިޔާޒް ހުންނެވި ޖޭޕީގެ ޖުމްހޫރީ އޮޑީގައި ދިގު ދަތުރުކަށް އަރުއްވަނީ ހެއްޔެވެ؟