އެމްއެމްއޭ

ބޭންކްތަކުން ޓީ-ބިލް ގަތް އަދަދު 33 ޕަސެންޓް މައްޗަށް

Feb 7, 2016
  • މިދިޔަ އަހަރު 12.6 ބިލިއަން ރުފިޔާ ޓީ-ބިލް ގަތް
  • ޓީ-ބިލް، ޓީ-ބޮންޑުގެ ނުދައްކާ 20 ބިލިއަން ރުފިޔާ
  • އަމިއްލަ ފަރާތްތަކުން ދަނީ ޓީ-ބިލް ގަންނަމުން

އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ބޭންކް ތަކުން ސަރުކާރުން ވިއްކާ ޓްރެޒަރީ ބިލް (ޓީ-ބިލް) ގަތް އަދަދު 33 ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކޮންމެ މަހަކު ނެރޭ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ވިޔަފާރި ބޭންކްތަކާއި އެހެނިހެން އަމިއްލަ ފަރާތްތަކުން ޓީ-ބިލަށް އިންވެސްޓްކޮށްފައިވާ އަދަދު ވަނީ 13 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން ބޭންކްތަކާއި އަމިއްލަ ފަރާތްތަކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 12.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ގަނެފައިވެ އެވެ. ޓީ-ބިލްގެ މުއާމަލާތްތައް އިތުރުވި މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކްތަކުން މި މުއްދަތުގެ ތެރޭގައި ޓީ-ބިލް އިންވެސްޓްކޮށްފައިވާ އަދަދު 33 ޕަސެންޓް އިތުރުވުމެވެ.

ނުދައްކާ ހުރި އަދަދު 14 މައްޗަށް!

މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ދޫކޮށްފައިވާ ޓީ-ބިލް އަދި ޓީ-ބޮންޑުގެ ގޮތުގައި ނުދައްކާ 20 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. އަހަރުން އަހަރަށް ބަލާއިރު މިއަދަދު އުޅެނީ 14 ޕަސެންޓް މަތީގަ އެވެ. އަދި މަހުން މަހަށް ބަލާއިރު މި އަދަދު އުޅެނީ ތިން ޕަސެންޓް އިތުރުވުމެކެވެ. މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު، ޓީ-ބޮންޑުގެ ގޮތުގައި ނުދައްކާ 7.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 979.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

"މީގެ ސަބަބަކީ ސަރުކާރުން ވޭތުވެދިޔަ ޑިސެމްބަރު މަހު ޕެންޝަން ފަންޑަށް ޑީބޮންޑެއް ދޫކޮށްފައި ނުވުމެވެ." މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓީ-ބިލްގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ އަމިއްލަ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ކުންފުނި، ޗަމްޕާ ބްރަދާސް އެވެ. އެ ކުންފުނިން 221 މިލިއަން ރުފިޔާގެ ޓީ- ބިލް ގަނެފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓީ-ބިލް ގަތް ކުންފުންޏަކީ ކްރައުން ކޮމްޕެނީ އެވެ. އެ ކުންފުނިން 16 މިލިއަން ރުފިޔާގެ ޓީ ބިލް ގަނެފައިވެ އެވެ. މީގެ އިތުރުން ޓީ- ބިލްގެ އެންމެ ބޮޑު ޕަސެންޓެއް ގަނެފައިވާ ދައުލަތުގެ މުއްސަސާއަކީ ޕެންޝަން އޮފީހެވެ. ޕެންޝަން ފަންޑުން 3.7 ބިލިއަން ރުފިޔާގެ ޓީ ބިލް ގަނެފައިވެ އެވެ. އަދި ދެން އެންމެ ގިނައިން ޓީ-ބިލް ގަނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ.

ސަރުކާރުން ދާދިފަހުން ވަނީ ޓީ- ބިލްގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ. މިހާރު ޓީ-ބިލް ވިއްކަނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓުގަ އެވެ.