ފ. ބިލެތްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފ. އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ބިލެތްދޫގައި މި މަހުގެ 25 އިން 26 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 38 އަަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް އަދި 36 އަހަރުގެ އަންހެނެކެވެ.
މިއޮޕަރޭޝަންގައި ބިލެތްދޫގެ 8 ގެއެއް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކޮށްފައިވެ އެވެ. މިތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އުމުރުން 36 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާ އަދި 46 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވެ އެވެ. އަދި 45 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ތިން ދުވަސް ދީފައިވެ އެވެ.
ބިލެތްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފައި މިވަނީ ފ. ފިލިތެޔޮ ރިސޯޓް ކައިރީގައި ކަނޑުއަޑީގައި ފޮރުވާފައި ހުރި 45 ކިލޯގެ ހެރޮއިން ފުލުހުން ހޯދި ދުވަސްވަރާ ދިމާކޮށެވެ. ނަމަވެސް މި ހަތަރު މީހުންނާ ކަނޑުއަޑިން ފެނުނު މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.