ތޮއްޑޫ

ތޮއްޑޫގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ، ދާންވާނެ

އއ. ތޮއްޑޫގައި ކުލަގަދަ އަދި ފޯރިގަދަކޮށް ބޮޑު އީދު ފާހަގަކުރަން ނިންމާފައިވާތީ އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ދިވެހިންނަށް ތޮއްޑޫ ކައުންސިލުން ދައުވަތު ދީފި އެވެ.

މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި ތޮއްޑޫ ކައުންސިލުން ވަނީ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފަ އެވެ.
ޙައްޖު ދުވަހުގެ ރެއިން ފެށިގެން ތިން ދުވަހަށް ބަހާލާފައިވާ މި ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދާނެ ކަމަށް ތޮއްޑޫ ކައުންސިލުން ބުނެ އެވެ.

އީދުގެ ހަރަކާތްތައް ތޮއްޑޫގައި ފެށިގެން ދާނީ ހައްޖު ދުވަހުގެ ރޭ ބާއްވާ ވެދުމާ ދިއުމާ އަދި އީދު ބަޑި ރޯކުރުމުގެ ހަރަކާތުންނެވެ.

ތޮއްޑޫ ކައުންސިލުން ވަނީ އީދު ދުވަހުގެ ބޮޑު ޖަމާއަތުގެ ނަމާދަށްފަހު ހެނދުނުގެ ހާއްސަ ސައެއް އެރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތް ކުރާ މެހްމާންނަށް ބޭއްވުމަށް ނިންމާފަ އެވެ. މީގެ އިތުރުން އުޟްހިޔާ ކަތިލުމާއި، ބޮޑުމަސް ކޯޑި އަދި މާލި ނެރުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ އެވެ.

ފައިސާގެ އިނާމެއް ހުށަހަޅައިގެން ފައިގަތަޅާ މުބާރާތެއް ކުރިއަށް ގެންދާއިރު މިއުޒިކް ޝޯ ވެސް އިންތިޒާމުކޮށްފައިވެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޑަކުދިންގެ ހަވީރަކާއި ހަވާ އެރުވުމުގެ ހަރަކާތެއް ވެސް މިހާރު ވަނީ ރާވާފަ އެވެ.

ތޮއްޑޫގައި ބާއްވާ އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ތޮއްޑޫއަށް ދިއުމަށް ހައްޖު ދުވަހުން ފެށިގެން އީދުގެ ކުޅިވަރުތައް ނިމެންދެން މާލެއާއި ތޮއްޑޫއާ ދެމެދު ހާއްސަ ލޯންޗް ދަތުރުތަކެއް ބޭއްވުމަށްވެސް ތޮއްޑޫ ކައުންސިލުން ނިންމާފައިވެ އެވެ.

ތޮއްޑޫ އަކީ ރާއްޖޭގައި ސަގާފީ ކުޅިވަރުގައި ވަކިން ހާއްސަކޮށް ބަޑިޔާ ޖެހުމުގައި ކުރިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ރަށެވެ. ތޮއްޑޫ މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ދަނޑުވެރިކަމާއި ގެސްޓްހައުސް ވިޔަފާރީގައި އެންމެ ނުފޫޒު ހުރި ރަށްތަކުގެ ތެރޭގަ އެވެ.