ލަންދޫ

ލަންދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ގެންދިޔަ ޕިކަޕްގައި ރޯވެ އަނދައިފި

ނ. ލަންދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ގެންގޮސްފައި އޮތް ޕިކަޕެއްގައި ރޯވެ އަނދައިފި އެވެ.

ފުލުހުން މައްސަލަ ތަހުގީގުކުރާތީ ނަން ނުޖެހުމަށް ޝަރުތުކޮށް ލަންދޫ ކައުންސިލް މެންބަރަކު ވިދާޅުވީ ޕިކަޕްގައި ރޯވީ ކަމެއް ރޯކޮށްލީ ކަމެއް ސީދާ ދަންނަވަން ނޭނގޭ ކަމަށެވެ.

ޕިކަޕްގެ ރޯވެ އަނދާފައިވަނީ ކައުންސިލް އިދާރާއާ މާދުރު ނޫން ތަނެއްގައި ބާއްވާފައި އޮއްވާ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ކައުންސިލަރު ވިދާޅުވީ މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ޕިކަޕް ރަށަށް ގެނެސް ގާނޫނުގައި ބުނާ ބައެއް ކަންކަން ފުރިހަމަކުރުމަށްޓަކައި ބާއްވާފައި އޮއްވާ ޕިކަޕްގައި ރޯވެ އަނދައިގެން ދިއުމަކީ ގެއްލުމެއް ކަމަށެވެ.

"ފުލުހުންގެ ތަހުގީގު ކުރިއަށްދާތީ މިކަން ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ފުލުހުން ތަހުގީގު ނިންމާފައި ވަކި އެއްޗެއް ބުނުމުން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލަރު އިތުރަށް ވިދާޅުވީ ޕިކަޕް ރާއްޖެއިން ބޭރުން ގަނެގެން ގެނައީ ސަރުކާރުން ދިން ފައިސާގެ ބޮޑު އަދަދަކާއި ކައުންސިލުން ވެސް ފައިސާ ލައިގެން ފަސްލައްކައަށް ވުރެ ކުޑަ ނޫން އަގަކަށެވެ.

ޕިކަޕްގެ ގެނެސް ކުނި މެނޭޖުކުރުމަށްޓަކައި ގޭބިސީއަކުން މަހަކު 200 ރުފިޔާ ނެގުމަށް ރައްޔިތުންގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިނިންމުމާ މެދު ހިތްހަމަނުޖެހޭ ބަޔަކު ރަށުގައި އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ.

ލަންދޫގައި ޕިކަޕެއްގައި ރޯވެ އަނދައިގެން ދިޔަ މައްސަަލައެއް ރިޕޯޓްކޮށްފައިވާތީ އެކަން ހިނގާދިޔަ ގޮތް ފުލުހުން ދަނީ ބަލައި ތަހުގީގުކުރަމުންނެވެ.