ދުނިޔެ

ދުނިޔޭގެ އިގުތިސާދުން ޗައިނާ ވަކި ނުކުރެވޭނެ: އީލޮން މަސްކް

ޗައިނާގެ ވިސްނުމަކީ ދުނިޔެއަށް މިހާރަށް ވުރެ ބޮޑަށް ހުޅުވިގަތުން ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޗިން ގަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަހުޖަނު އީލޮން މަސްކްއާ އެކު އެ ގައުމުގެ ވެރިރަށް ބެއިޖިންގައި އޮތް ބައްދަލުވުމެއްގައި އޭނާގެ ގައުމަކީ އިންވެސްޓަރުންނަށް ފަސޭހަ މާރުކޭޓަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

ސްޕޭސް އެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މަސްކް އަރިހުގައި ޗިން ގަން ވިދާޅުވީ ޗައިނާއާ އެކު ވިޔަފާރި ގުޅުން ބާއްވައި ހަރުދަނާ ކުރަން އެދޭ ކޮންމެ ގައުމަކަށް އަދި ކުންފުންޏަކަށް މަރުހަބާ ކިޔާ ކަމަށާއި ޓެސްލާއަށް ވެސް އެ އަހައްމިޔަތުކަން އޮންނާނެ ކަމަށެވެ.

ޗައިނާ އަކީ ވަކި ގައުމަކަށް ވާތީ އެއްވެސް ގައުމެއް ތަފާތުކުރާނެ ގައުމެއް ނޫން ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޗައިނާގެ މިސްރާބު އޮތީ ވަރަށް ޒަމާނީ ވިޔަފާރިއަކަށް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެ ފުރުސަތު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ޗިން ގަންގް މީގެ ކުރިން ހުންނެވީ އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރުގެ މަގާމުގަ އެވެ. އީލޮން މަސްކްއާ އެކު އޮތް މަޝްވަރާތަކުގައި ވަޒީރު ވަނީ އެމެެރިކާ އާއި ޗައިނާއާ ދެމެދުގައި އޮތް ނުތަނަވަސް ކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

ވަޒީރު ވިދާޅުވީ ވިޔަފާރީގައި ވާދަވެރިކަން އޮންނަންވާނެ ކަމަށެވެ. އެހެންނަަމަވެސް، އެމެރިކާއިން ޗައިނާއާ މުއާމަލާތްކުރަނީ ވާދަވެރިކަން އެއްކިބާކޮށް އަދި ރުޅިވެރިކަމަށާއި ހަސަދަވެރިކަމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ވާދަވެރިކަމެއް ގޮތުގައި ހަސަދަވެރިކަން އޮތުމަކީ ނުރައްކާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތައް -- ރަޝިއާ އާއި ޗައިނާއާ ދިމާކޮށްގެން އެމެރިކާއަށް ހާސިލްވާނީ ކޮން ކަމެއްތޯ ވަޒީރު ސުވާލުކުރެއްވި އެވެ.

މި ބައްދަލުވުމުގައި އީލޮން މަސްކް ވެސް ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ ދުނިޔޭގެި އިގުތިސާދީ މިންތަކުން ޗައިނާ ވަކިކުރަން އެމެރިކާ ގެންގުޅޭ ސިޔާސަތު އޭނާއަށް ކަމުނުދާ ކަމަށެވެ.

ޗައިނާގެ ކުންފުނިތައް ބްލެކްލިސްޓް ކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާއިން ގެންގުޅޭ ނާތަހުޒީބު ސިފައެއް ގޮތުގައި މަސްކް ފާހަގަކުރެއްވި އެވެ. ޗައިނާގެ އިގުތިސާދުން ވަކިވެގަތުމަށް މަސައްކަތްކުރުމަކީ ނުރައްކަލެއްގެ ގޮތުގައިވެސް މަސްކް ކުރިން ސިފަކުރެއްވި އެވެ.

މަސްކް އަދި ވިދާޅުވީ ޗައިނާގައި އޭނާގެ ކަރަންޓް ކާރު އުފައްދާ ކުންފުނިން އިތުރު އިންވެސްޓްމަންޓްތައް ހުޅުވާލައްވާނެ ކަމަށެވެ. ޓެސްލާ ކާރު ޗައިނާގެ ކުންފުނިތަކުގައި އުފައްދާ ނިސްބަތް އިތުރުކުރައްވާނެ ކަމަށްވެސް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.