އިބްރާހިމް ރިއްފަތު

ރިފްއަތު ލިޔުމުން ޖަވާބު ދެއްވުމުން ސްޕްރީމް ކޯޓުގެ ލަފާ ހޯދަން ނިންމަވައިފި

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނު ލިޔުމުުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގެންނެވީ ލިޔުމުންނެވެ.

ލިޔުމުން ޖަވާބުދާރީވުމުން އެކަމުގައި ނިންމާނެ ގޮތެއް މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައިނުވާ ކަމަށް އިދިކޮޅު މެންބަރުން ފާހަގަކޮށްފައިވާއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ލިޔުމުން ޖަވާބުދާރީވުމަކީ ވަޒީރަށް ލިބޭ ހައްގެއްކަން ފާހަގަކުރައްވާފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ވަޒީރު ވަޑައިނުގަންނަވާ ހާލަތުގައި މަޖިލީހުން އެކަމުގައި ކުރިން ގޮތް ނިންމަވާފައިވާ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވި އެވެ.

މައްސަލައިގައި ހިޔާލު ތަފާތުވުމުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް މަޖިލިސް މެދުކަނޑާލި އެވެ.

މަޝްވަރާއަށްފަހު އަލުން މަޖިލިސް ފައްޓަވާ ރައީސް ނަޝީދު ވަނީ މަޝްވަރާތަކުން ނަތީޖާއެއް ނުލިބުނު ކަމަށް ވިދާޅުވެފަ އެވެ.

"ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެވިއްޖެ. އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ މި ޕާޓީތަކުގެ ލީޑަރުންނާ އެކުގައި ކުރެވުނު މަޝްވަރާއިން ނަތިޖާއެއް ނުލިބުނު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަޒީރުން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނީ މަޖިލީހަށް ހާޒިރުވެގެން ކަމަށް ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީން ދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި ބަންޑާރަނައިބަށާއި ވަޒީރު ބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ ބުނާ ގޮތުގައި ކިތާބީ ހެއްކާއެކުގައި ނުވަތަ ޑޮކިއުމަންޓްރީ އެވިޑެންސާއެކުގައި މިތަނުގައި ޖަވާބުދާރީ ވެވަޑައިގަތުމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަޒީރުން މަޖިލީހުގައި ޖަވާބުދާރީ ވެވަޑައިނުގަންނަވާ ކުރިއަށް ގެންދެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށް އެޕާޓީތަކުން ގަބޫލުނުކުރާ ކަމަށް ރައީސް ނަޝިީދު ވިދާޅުވި އެވެ.

"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފާއެއް ހޯދަން. ގާނޫނު އަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވާލެވުނުއިރު އޮތް ގޮތާއި މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ގާނޫނު އަސާސީއާ ހިލާފަށް ވަޒީރަކު ވަކިކުރުމުގެ އިޖުރާތްތައް ކުރެއްވެން އޮތް ކަމެއް ނޫން ކަމަށެވެ.