މާލޭ ސިޓީ ކައުންސިލް

މާލޭގެ ދެ ޕާކަކަށް ވަންނަން ބިދޭސީން ފީ ދައްކާ ގޮތަށް ހަމަޖައްސައިފި

މާލޭގައި ހަދާފައިވާ ޕާކްތަކަށް ބިދޭސީން ވަންނަނަމަ އެމީހުންގެ އަތުން ފީއެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމި ލޮނުޒިޔާރަތް ޕާކަށް ސަލްޓަން ޕާކަށް ވަންނަ ފަތުރުވެރިން އަތުންނާއި ބިދޭސީ މަސައްކަތްތެރިންގެ އަތުން ދެ އަގެއްގައި ފީ ނެގުމަށެވެ.

ކައުންސިލް މެންބަރަކު ހުށަހެޅުއްވި މި ހުށަހެޅުއްވުން ފާސްވީ މިއަދު ވޯޓުގައި ބައިވެރިވި ކައުންސިލަރުން އަގުލަބިއްޔަތުންނެވެ.

ކައުންސިލުން ވަނީ މިކަމާ ގުޅޭ އަގުތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އާންމުކުރުމަށްފަހު ކުރިއަށް އޮތް ޖޫން 15 އިން ފެށިގެން ފީ ނެގުމަށެވެ.

ކައުންސިލްގެ މިބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކްތަކުން ފީއެއް ނެގުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށާއި އެއީ ތަފާތުކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

މިބައްދަލުވުމުގައި ބައެެއް ކައުންސިލަރުން ވަނީ މާލޭގައި ޕާކްތައް މަދުވެފައި ބިދޭސީން ގިނަވެފައިވާތީ ޕާކްތައް ބޭނުންކުރުމަށް ދިވެހިންނަށް ބޮޑެތި ދަތިތައް ހުރިކަން ފާހަގަކުރައްވާފަ އެވެ.

ސަލްޓަން ޕާކް މިހާރު އޮތް ގޮތަށް ތަރައްގީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. އަދި އޭރު އެތަން ހުޅުވިއިރު ފީއެއް ނެގި އެވެ. އެގޮތަށް ފީ ނަގަން ފެށުމުން ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން އެއީ ތަފާތުކުރުން ކަމަށް ބުނެ އެކަން ހުއްޓާލުމަށްވެސް ގޮވާލި އެވެ. ނަމަވެސް މިހާރު އެއްވެސް ޕާކަކަށް ވަނުމަށް ބިދޭސީންގެ އަތުން ވަކި ހާއްސަ ފީއެއް ނުނަގަ އެވެ.