ސެވިއްޔާ

ޔޫރޮޕާ ލީގް އަންދަލޫސިއާގެ ސެވީޔާ ހޯދައިފި

ޔޫރޮޕާ ލީގްގެ ފައިނަލްގައި ރޭ އިޓަލީގެ ރޯމާ ބަލިކޮށް ސްޕޭންގެ ސެވީޔާ މިސީޒަންގެ ޔޫރޮޕާ ލީގް ޓައިޓްލް ހޯދައިފި އެވެ.

ހޯސޭ މޮރީނިއޯގެ ރޯމާ އާއި ކުޅެ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-1 އިން މޮޅުވެ މި މުބާރާތުގެ ތަށި ހަތްވަނަ ފަހަރަށް ރޭގައި ސެވީއާ އިން އުފުލާލާފައިވާއިރު މިއީ މޮރީނިއޯ ވޭތުވެދިޔަ ޔޫރަޕްގެ ހަ ފައިނަލެއްގައި ކުޅެ ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ.

ރޭގް މެޗް ފަށައިގެން ރޯމާ އިން ވަރުގަދައަށް ކުޅެމުން އައިސް 35 ވަނަ މިނެޓްގައި އާޖެންޓީނާގެ ތަރި ޕައުލޯ ޑީބަލާ ވަނީ ސެވީޔާ ކޮޅަށް ގޯލްޖަހާފަ އެވެ. މިއީ މި މުބާރާތުގައި އެންމެފަހުން ސެވީއާ ކުޅުނު ހަތަރު ފައިނަލްގައިވެސް އިދިކޮޅު ޓީމުން އެންމެ ފުރަތަމަ އަށް ގޯލްޖަހަމުން އަންނަ އައުން ތަކުރާރުކޮށް އަނެއްކާވެސް އެ ޑްރާމާ އަށް ބޮޅެއް އިތުރުވި ފަހަރެކެވެ. ނަމަވެސް އެހިސާބުން ސެވީޔާ މެޗްގެ ކޮންޓްރޯލް ނަގައި ކުޅެމުން އައިސް 55 ވަނަ މިނެޓްގައި ދިން ހަމަލާއެއްގައި ރޯމާގެ ޑިފެންޑަރު މެންޗީނީ އަތުން ވަނީ ބައިކޮޅަށް ގޯލް ވަދެފަ އެވެ.

ދެޓީމުންވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އިތުރު ގޯލެއް އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވި މެޗްގެ ފުރިހަމަ ވަގުތު ނިމިގެން ދިއައީ 1-1 އިން އެއްވަރު ވެގެންނެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މެޗް އިތުރު ވަގުތު ކުޅެގެންވެސް އެއްވަރުވުމުން ނަތީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ސެވީޔާގެ އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އާޖެންޓީނާއަށް މިދިޔަ ވޯލްޑް ކަޕް މީގެ ފަސްމަސް ކުރިން ހަމަޖެހިލައިގެން ކާމިޔާބުކޮށްދިން ޕެންލްޓީވެސް ޖެހި ގޮންޒާލޯ މޮންޓީއޭލް އެވެ.

އަނެއްކޮޅުން މިދިޔަ ވޯލްޑް ކަޕްގައި މޮރޮކޯ ޓީމުގެ ގޯލް މޮޅަށް ބެލެހެއްޓި ޔާސީން ބޫނޫ ވަނީ ރޯމާގެ މެންޗީނީ އަދި އައިބަނޭޒްގެ ޕެނަލްޓީތައް ދިފާއުކޮށްފަ އެވެ. އެއާއެކު ސެވީޔާ އިން ޖެހި ހުރިހާ ޕެނަލްޓީއެއް ފަސޭހަކަމާއެކު ކާމިޔާބުކޮށް ތަށި ވަނީ އަނެއްކާވެސް ދިފާއުކޮށްފަ އެވެ. ކުރިން 2011 އިން 2013 އަށް ރޯމާ އަށް ކުޅުނު އާޖެންޓީނާގެ ތަރި އެރިކް ލަމޭލާ، ރޭ ސެވީޔާ މޮޅުވި މެޗްގައި ކުޅުނުކަންވެސް ފާހަގަކޮށްލެވެ އެވެ.

ސްޕެނިޝް ލީގްގައި ސެވީޔާ މިސީޒަނުގައި ޓޮޕް ހަތަރެއްގައި ނުހިމެނުނެއް ކަމަކު ޔޫރޮޕާލީގްގެ މި ކާމިޔާބާއެކު ސެވީޔާ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގްގައި ކުޅޭނެ އެވެ.

ކުރިން އާޖެންޓީނާގެ ކޯޗްކަން ކުރި ހޯސޭ ސަމްޕައޮލީގެ އިރުޝާދުގެ ދަށުން ސެވީޔާ ލަލީގާގެ މިސީޒަންގައި ކުޅެމުން އައިސް ރެލިގޭޝަން ޒޯނާއި އެންމެ ދެ ޕޮއިންޓަށް ކައިރިވެ ހާސްކަމަށް ވެއްޓިފައި އޮއްވާ އައު ކޯޗް ހޯސޭ މެންޑިލިބަރ މިދިޔަ މާޗްގައި ގެނެސް ޓީމުގެ ކުޅުން ވަނީ ހަމައަކަށް އަޅުވާފަ އެވެ. އެއިގެ ފަހުން ލަލީގާގައި ކުޅުނު 11 މެޗް ތެރެއިން ދެ މެޗުން ފިޔަވައި ސެވީޔާ ބަލިވެފައެއް ނުވެ އެވެ. އަދި މިހަފްތާގައި ލަލީގާގެ ފަހު މެޗްތައް ކުޅުމަށް ނިންމާފައިވާއިރު ސެވީޔާ ވަނީ މިވަގުތު ޓޭބަލްގެ ހަތްވަނައަށް ޖެހުމާ ދޭތެރޭ އެންމެ ޕޮއިންޓަކަށް ފަރަގު ކުޑަކޮށްފަ އެވެ.

ސެވީޔާ އަކީ ޔޫރޮޕާ ލީގްގައި ރަސްކަން ކުރަމުން އަންނަ އެންމެ ކާމިޔާބު ޔޫރަޕްގެ ކްލަބަށްވާއިރު މުބާރާތުގެ ހަތް ފައިނަލް ގައި ކުޅެ ސެވީޔާ މިހާތަނަށް ބަލިވެފައެއް ނުވެ އެވެ.