އިޓަލީ

ގުރޫޕަކުން ރޮބާޓޯ ބާޖިއޯގެ ގެއަށް ވަދެ އަގުބޮޑު މުދާތައް ފޭރިގެންފި

އިޓަލީގެ ލެޖެންޑް ރޮބާޓޯ ބާޖިއޯ އޭނާގެ އާއިލާ އާއި އެއްކޮށް ޔޫރޯ ބަލަން އިންދާ ބަޑި ހިފައިގެން ތިބި ބަޔަކު އޭނާގެ ގެއަށް ވަދެ ފޭރިގަނެފި އެވެ.

ފޭރޭ މީހުން ބާޖިއޯގެ ގެއަށް ވަދެ އޭނާ އާއި އެ ވަގުތު އެ ގޭގައި ތިބި އެންމެން ގޭގެ ކޮޓަރިއެއްގައި ވަނީ ބަންދުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ޔޫކޭގައި ރިޕޯޓްކޮށްފައިވާ ގޮތުން ބާޖިއޯގެ ގެއަށް ވަދެފައިވަނީ ހަތިޔާރު ހިފައިގެން ތިބި ފަސް މީހުންގެ ގުރޫޕެކެވެ. އެ މީހުން ވަނީ އަގު ބޮޑު ގަހަނާތަކަކާއި ގަޑިތަކަކާއި ނަގުދު ފައިސާ ވެސް ވަގަށް ފޭރިގެން ގެންގޮސްފަ އެވެ.

މިހާދިސާގައި އަނިޔާވުމާ ގުޅިގެން ރޮބަޓޯ ބާޖިއޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެ އެވެ. ފޭރޭ މީހުންނާ އޭނާ ކުރިމަތިލާ ހުއްޓުވަން އުޅުމުން ބަޑިން އޭނާގެ ބޯމަތީގައި ޖަހާފައިވާ ކަމަށް އިޓަލީގެ ބައެއް ނޫސްތަކުގައި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.

ބާޖިއޯ ބަލަން އިނީ އިޓަލީ އާއި ސްޕޭން ކުޅުނު މެޗު ކަމަށްވެ އެވެ.

ބާޖިއޯގެ ފުޓްބޯޅަ ކެރިއަރު ވަރަށް ކާމިޔާބެވެ. އެގޮތުން ބާޖިއޯ ވަނީ އިޓަލީއަށް 56 މެޗު ކުޅެ 27 ގޯލް ޖަހައިދީފަ އެވެ. 1990 އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް އޭނާ ކުޅުނެވެ.

އެމެރިކާގައި އޮތް ވޯލްޑް ކަޕްގައި 1994 ވަނަ އަހަރު ވިދާލި ރޮބާޓޯ ބާޖިއޯ ވަނީ އެ މުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ދައްކައި އޭނާގެ ގައުމު ފައިނަލަށް ގެންގޮސްދީފަ އެވެ. އެހެންނަމަވެސް ބްރެޒިލް އަތުން އިޓަލީ ބަލިވީ އޭނާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.