ޔޫރޯ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އިޓަލީ އަކީ މިފަހަރުގެ ޔޫރޯގެެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ނޫނެވެ. އެކަމަކު އިނގިރޭސިންވިލާތުގެ ވެރިރަށް ލަންޑަންގެ ވެމްލީ ސްޓޭޑިއަމްގައި އެންމެ ފަހުން ކުޅުނު ޔޫރޯގެ ފައިނަލްގައި ޕެނަލްޓީީ ޖަހައިގެން އިނގިރޭސިން ބަލިކޮށް ތަށި ކާމިޔާބު ކުރި އިޓާލީ ޓީމުގެ މަތިން ހަނދާން ނެތޭހާ ދުވަހެއްވެސް އަދި ނުވެ އެވެ.
އޭގެފަހުން މަންޗީނީގެ އިރުޝާދުގެ ދަށުން ވަޅުލެވެމުން ދިޔަ އިޓަލީގެ ފުޓުބޯޅައަށް މުޅިން އާ ދިރުމެއް އަންނާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް އޭގެފަހުން ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީ ސަޕޯޓަރުން މާޔޫސްވެސް ވެއްޖެ އެވެ.
އިޓަލީ ޓީމު ނެރެމުންދިޔަ ދަށް ނަތީޖާތާކާ ގުޅިގެން އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ކޯޗު މަންޗީނީވެސް ފަހުން ވަކިކުރި އެވެ.
މަންޗިނީއަށް ފަހު އިޓަލީގެ ކޯޗުކަމާ ހަވާލުވެފައިވަނީ ނަޕޯލީއަށް ތާރީހީ ކާމިޔާބުތަކެއް ހޯދައިދިން ލޯސިއާނޯ ސްޕަލޭޓީ އެވެ. އޭނާގެ އިރުޝާދުގެ ދަޝުން އާ ހިތްވަރެއް ލައިގެން އިޓަލީ އިން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ސަޕޯޓަރުން ގަބޫލުކުރި އެވެ. ލޯސިއާނޯ ނަޕޯލީއަށް ހޯދައިދިން ކާމިޔާބީތަކާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް އިތުބާރު ކުރި އެވެ.
ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ މިހާރުގެ ސުވާލަކީ އިޓަލީގެ ޓީމު ތިބީ ތަށި ތައްޔާރަށް ތޯއެވެ؟
ކަންދިމާކުރި ގޮތުން މިފަހަރުގެ ޔޫރޯގައި އިޓަލީ ލައްވާލީ އެންމެ ވާދަވެރި ގްރޫޕް ކަމަށްވާ ގުރޫޕް ބީ ގައެވެ. އިޓަލީގެ އިތުރުން މި ގުރޫޕްގައި ހިމެނޭ ޓީމުތަކަކީ ސްޕެއިން، ކްރޮއޭޝިއާ އަދި އަލްބޭނިއާ އާއެވެ. އެހެންކަމުން ދެވަނަ ރައުންޑަށް ކޮލިފައިވުމަކީ އިޓަލީއަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ޔޫރޯއަށް ދާ ޓީމުގައި އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ފެންނާނެ އެއް ތަފާތަކީ އިޓަލީގެ ފަހަތުގެ މައި ދެތަނބު ޗެލީނީ އާއި ބޮނޯޗީ ނެތުމެވެ.
ޔޫރޯ 2020 ގައި މެދުތެރޭގައި މުހިއްމު ޒިންމާތަކެއް އަދާކުރި ޕީއެސްޖީގެ ތަރި ވެރާޓީ، ނަޕޯލީގެ އިންސިގޭން ފަދަ ކުޅުންތެރިންވެސް މިއަހަރުގެ ޓީމުގައި ނުހިމެނެ އެވެ.
ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާ ނޫނީ ޔޫރަޕްގައި ނަން މަޝްހޫރު ކުޅުންތެރިއަކު ޓީމުގައި ހިމެނިފައެއްވެސް ނުވެ އެވެ. އިޓަލީގެ ޓީމުގައި މިފަހަރު ގިނައީ ބޮޑު މުބާރާތެއްގެ ތަޖުރިބާ ނެތް ޒުވާން ކުޅުންތެރިންނެވެ. ގިނައީ އާ މޫނުތަކެވެ. ކޮންމެވެސް ވަރަކަށް ސެރިއާގައި ކުޅެމުން އަންނަ ކުޅުންތެރިން އެބަ ތިއްބެވެ.
ސްޕަލޭޓީ އަކީ ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި އެކީގައި މަސައްކަތް ކުރަން ދަންނަ ކޯޗެކެވެ. ޒުވާން ކުޅުންތެރިން ގޮވައިގެން ރަނގަޅަށް ޓީމު ރާވާލައިގެން ގޭމެއް ކުޅެ އިނދިކޮޅު ޓީމުތަކަށް ސިހުމެއް ގެނެވިދާނެ ފަދަ ތަޖުރިބާކާރު ކޯޗެކެވެ. އެހެންވެ ސުޕަ ސްޓާރެއް ޓީމުގައި ނެތަސް ސްޕެލޭޓީީއާ އެކު ތަށި ދިފާއު ކުރުމަށް އިޓާލީ އޮތީ ތައްޔާރަށް ކަމުގައި ބުނެވިދާނެ އެވެ.