ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން -- އިޓަލީ އާއި އަލްބޭނިއާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން އިޓަލީ ކާމިޔާބުކޮށްފި އެވެ.
އިޓަލީ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައި އަލްބޭނިއާ ޓީމު ޕްރެޝަރަށް ވައްޓާލާފަ އެވެ. އެކަމަކު މެޗު ފެށިތަނާ ސިކުންތު ކޮޅެއްގެ ތެރޭގައި މެޗުގެ ފުރަތަމަ ގޯލް ޖެހީ އަލްބޭނިއާ އެވެ. އެ ޓީމަށް މި ގޯލް ޖަހައިދިނީ ބަޒުރަމީ އެވެ. އެއަށްފަހު އެޓީމުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ދިފާއީ ގޭމަކަށް ކުޅެން ފެށި އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އިޓަލީ އިން ވަނީ އަލްބޭނިއާގެ ގޯލް ފޫއަޅުވާލާފަ އެވެ. އިޓަލީގެ ބަސްޓޯނީ ޖެހި ގޯލާ އެކު ފުލުފުލުގައި ހަމަލާތައް އިޓަލީ އިން އަލްބޭނިއާގެ ގޯލަށް އަމާޒު ކުރަމުން ދިޔަ އެވެ.
އިޓަލީއަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނެގުނީ އެޓީމުގެ މެދުތެރެއަށް ކުޅެމުންދާ ބަރެއްލާ ފުރަތަމަ ހާފްގެ 16 ވަނަ މިނެޓުގައި ޖެހި ހިތްގައިމު ގޯލާ އެކު އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ދެޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އިނދިކޮޅު ގޯލަށް އަމާޒުކޮށްފަ އެވެ.
އަލްބޭނިއާ އިން ވަނީ ދެވަނަ ހާފުގައި އިޓަލީގެ އެޓޭކްތައް ހުއްޓުވާ އިޓަލީ އިތުރު ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ. އެހެންނަމަވެސް އަލްބޭނިއާއަށް އިޓަލީގެ ޑިފެންސް ފޫއަޅުވާލައި ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި 2-1 އަކުން އިޓަލީ އިން އަލްބޭނިއާ އަތުން މޮޅުވެ މެޗު ނިންމާލީ އެވެ.