އިބްރާހިމް ރިއްފަތު

މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ރިފްއަތު ހުށަހަޅުއްވައިފި

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރިވެ ވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު އެދިވަޑައިގެންފި އެވެ.

މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތަކަށް ރިފްއަތު އެދިވަޑައިގެންފައި މިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގެންފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ މަޖިލީހަށް ހާޒިރުވެވަޑައިގެން މަޖިލީހުގެ ތަޅުމުގަ އެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހަށް ހާޒިރުވެގެން ކަމަށްވިޔަސް އަދި ލިޔުމުންވިޔަސް ބަންޑާރަނައިބް އިހްތިޔާރު ކުރައްވާ ގޮތަކަށް ޖަވާބުދާރިވެވަޑައިގަތުމަކީ އޭނާއަށް އޮތް ގާނޫނީ ހައްގެކެވެ. އިދިކޮޅު މެންބަރުންވެސް އަދި ސަރުކާރަށް ތާއީދުކުރާ މެންބަރުންވެސް ސަބަބު ދައްކަވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެވެ. މި ދެ މާއްދާގައިވެސް އޮންނަނީ އެއް އިބާރާތެކެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.

ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށް ރިފްއަތު ލިޔުމުން ފޮނުވި ޖަވާބު މަޖިލީހުގެ ތަޅުމުގައި އިއްވަން ތައްޔާރުވި ވަގުތު މެންބަރުން ހިޔާލުތަފާތުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލައިގައި އިޖުރާއީ ސުވާލުތަކެއް އުފައްދަވާ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވާފަ އެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓގެ އިސްތިޝާރީ ލަފައެއް ހޯއްދަވާނެ ކަމަށް އިއުލާންކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ރިފްއަތު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތީ އެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމަކޮށްދެވޭނީ ލިޔުމުން ޖަވާބުދާރީވެވަޑައިގަންނަވާތީ ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އިއްޔެގެ ޖަލްސާ ނިމިގެން ދިޔައީ ލިޔުމުން ޖަވާބުދާރީވުމުގެ ހައްގުވެސް ލިބިވަޑައިނުގެންކަން ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން މަޖިލީހުގައި ދެން މިމައްސަލަ ކުރިއަށް ގެންދާ ދުވަހަކުން އަނގަބަހުން ޖަވާބުދާރިވެވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.