ގާސިމް އިބްރާހިމް

ކަނޑު ވިއްކާލުމާ ދެކޮޅު ޖަލްސާއަށް ނުދާން އަނެއްކާވެސް ގާސިމް އެދިވަޑައިގެންފި

ރާއްޖޭގެ ކަނޑު ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްކުން މިރޭ ބާއްވާ ޖަލްސާއަށް ގޮސްގެން ލިބޭނެ އެއްވެސް ނަތީޖާއެއް ނެތް ކަމަށާއި އެކަމަކު އެތަނުގައި ހިނގާފާނެ ހަމަނުޖެހުމަކުން ލިބިދާނެ ގެއްލުން ބޮޑު ކަމަށް ފެންނާތީ މިރޭގެ ޖަލްސާގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަނެއްކާވެސް ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބެވި ވަޓްސްއަޕް ގުރޫޕަކަށް މިމަހުގެ ދެވަނަ ދުވަހު ފޮނުއްވި މެސެޖެއްގައިވެސް ގާސިމް ވަނީ މިރޭގެ ޖަލްސާއަށް ނުދިއުމަށް އެ ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

"ބާނާ ބާނާ ތިއްބާ ކަނޑު ވިއްކާލައިފި" މިނަމުގައި މިރޭ ބާއްވާ ޖަލްސާއަށް ނުދިއުމަށް ގާސިމް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް ޖޭޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ގެންދަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ވަރަށް އިސްކޮށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި މިރޭގެ ޖަލްސާގައި ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވާނެ ކަމަށްވެސް އަލީ ވިދާޅުވެފައިވެ އެވެ.

އަލީގެ އިތުރުން ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ރައީސް ޔާމީން ސަަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ގެންދަވަނީ ޓްވިޓާގައި މިރޭގެ ޖަލްސާއަށް ދިއުމަށް އާންމުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ކަމަށް ބުނެ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް މިހާރު ވަނީ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ގެ ނަމުގައި އިއްތިހާދެއް ވެސް އުފައްދާފަ އެވެ. މިއިއްތިހާދުގައި ހިމެނެނީ ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ކުރީގެ ދެ ވަޒީރުން ކަމަށްވާ އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ޑރ. މުހައްމަދު މުނައްވަރާއި އުމަރު ނަސީރު އާއި، ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ "ދަ ޑިމޮކްރެޓިކްސް އެވެ. މީގެއިތުރުން ޖޭޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ގެންދަވަނީ އިދިކޮޅު ފަރާތްތަކުގެ ހުރިހާ ކަމެއްގައި އަމިއްލަ ހައިސިއްޔަތުން ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ.

ގާސިމްގެ ވީޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ އެއްވާނަމަ އެކަން ކުރަންވާނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭނެ ކަމަށްވާނަމަ ކަމަށެވެ. ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުން ދުރުކުރެވޭނެ ކަމަށްވާނަމަ ކަމަށެވެ.

"އެކަމަކު އަޅުގަނޑަކަށް ނުފެނެ މިރޭ އެއްވެގެން އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ އެއްވެސް ގޮތެއް. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ނިކުތަސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ގޮތެއްވެސް އަޅުގަނޑަކަށް ނުފެނެ،" ގާސިމް ވިދާޅުވި އެވެ.

އެހެންވެ ގާސިމް އެދިވަޑައިގަތީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދަން މަސައްކަތް ކުރާނަމަ އެކަން ކުރަން އޮންނަ އުސޫލުން އެކަން ކުރުމަށެވެ. އެގޮތުން ރައްޔިތުންނަށް ކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމާ އެކު ބައިނަލްއަގްވާމީ މައިދާނުގައި މަސައްކަތް ކޮށްގެން އިޓްލޮސްގެ ނިންމުން ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަ އެގޮތަކަށް އެ މަސައްކަތް ކުރުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ. އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ޖޭޕީން ބަލަމުންދާ ކަމަށް ފާހަގަކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފިނަމަ ގިނަވެގެން ހަމަސް ތެރޭގައި ރާއްޖޭގެ ކަނޑުގެ ބައި ހޯދުމަށް އިޓްލޮސްއަށް ހުށަހެޅެން އޮތް ނަމަ ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑު އެތަނަށް ނުދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާތީ ނުވަތަ ސަރުކާރަށް ތާއީދުކުރާތީއެއް ނޫން. ގައުމުގެ މަސްލަހަތާއި ސަލާމަތާއި އަމާންކަމަށް ބަލާފައި އަޅުގަނޑު ނުދާނީ. މީގެން ނުކުންނަ [ގޯސް] ނަތީޖާ އަޅުގަނޑަށް ފެންނާތީ ނުދާން އަޅުގަނޑު ނިންމީ،" ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާއަށް ގާސިމް ގޮސްފިނަމަ އޭނާގެ އިސްތަށިފުޅުގައި ދޮގު ތުހުމަތެއް އެޅުވުމަށްފަހު އޭނާއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދާފާނެ ކަމަށް ދޭހަވާ ގޮތަށްވެސް ގާސިމް ވާހަކަދެއްކެވި އެވެ. އެގޮތުން ވިދާޅުވީ މިރޭ ހަމަނުޖެހުމެއް ހިނގައިފިނަމަ "ބިގަރެއްހެން ދިއްލާފައި ހުއްޓާ" ފެންނާނީ އެނާ ކަމަށާއި މިރޭގެ އެއްވުމުގައި ބައިވެރިވާ ސިޔާސީ އިސް ބައެއް ބޭފުޅުންވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުން ނުވާނެ ކަމަށެވެ. އެއީ އެ ބޭފުޅުންނަށް ވުރެ ގިނަ ވޯޓު ގާސިމް ހޯއްދަވާފާނެތީ އެބޭފުޅުންނަށް އޮތް "ތުރެޓެއް" ކަމަށްވެސް ވިދާޅުވި އެވެ.

"މިހެއް ކަންތައް ވެއްޖެނަމަ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ ބައެއްގެ އުއްމީދަށް އެޅޭ މިއީ ކިހާ ބޮޑު ހުރަހެއްތޯ" ގާސިމް އެއްސެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި މާލޭގައި މެއި 1، 2015ގައި ބޭއްވި ބޮޑު އެއްވުމުގައިވެސް ޖޭޕީގެ އޭރުގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ޖޭޕީގެ ބައެއް ސިޔާސީ ބޭފުޅުން ބައިވެރިވީ ޖޭޕީން އެ އެއްވުމުގައި ބައިވެރި ނުވާން ނިންމާފައި ވަނިކޮށް އަމިއްލަ ހައިސިއްޔަތުން ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ދުވަހު ހިނގާދިޔަ ކަންކަމަށްފަހު އަދި ގާސިމަށް ވެސް ކުރެވުނު ހަގީގަތާ ހިލާފު ރިޝްވަތުގެ ތުހުމަތަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވެގެން ދިޔަ ހަނދާންވެސް ގާސިމް ވަނީ އާކުރައްވާފަ އެވެ. އަދި އޭރު އެކަންވީ ގޮތަށް މިއަދު ކަންތައްތައް ވެގެން ދިއުމަށް އެދިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ މިރޭ ބާއްވާ އެއްވުމުގައި ގާސިމް ބައިވެރިނުވި ނަމަވެސް ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް އެންމެ ފުރަތަމަ ބާނެއް ނެރެ ހާމަކުރި ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ވެރިންނަށް ފޮނުއްވި ސިޓީއަކީ ގާނޫނާ ހިލާފު ސިޓީއެއް ކަމަށް އޭރުވެސް ޖޭޕީން ބުނި ކަމަށާއި މިއަދުވެސް އޭނާއާއި ޖޭޕީން ދެކެނީ އެގޮތަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހާ ނެގޯޝިއޭޓް ނުކުރެވި އެގޮތަށް ސިޓީ ފޮނުއްވުމަކީ އަޅުގަނޑު ދަންނަ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާއާ ދެކޮޅަށް ގާސިމް އިބްރާހީމް ވާހަކަދައްކަވަމުން ގެންދަވަތީ އިދިކޮޅު އެތައް ބަޔަކު ގެންްދަވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.