ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދޭން ފެށި ހަމަލާތަކާ ގުޅިގެން އެއްގަމުގައި ތާށިވެފައި ހުރި ގޮވާން ޔުކްރޭނުން ބޭރުކުރުމަށް ތުރުކީ އާއި އދ. މެދުވެރިވެގެން ކުރި މަސައްކަތްތަކުން ޖުލައި 2022 ގައި އެ ގައުމުން އެކްސްޕޯޓްކުރަން ވަނީ ފަށާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އދ. އިން ބުނާ ގޮތުން މިހާތަނަށް 30.5 މިލިއަން ޓަނުގެ ގޮވާން -- ކަޅުކަނޑު ހުރަސްކޮށް ޔުކްރޭނުން ވަނީ ބޭރުކޮށްފަ އެވެ.
ރަޝިއާ އާއި ޔުކްރޭން އެއްމޭޒު ދޮށަށް ގެނެސް މި އެއްބަސްވުން ހެދީ ދުނިޔޭގެ ހާލަތަށް ބަލައި މުއްދަތު އިތުރުކުރާ ގޮތަށެވެ. އެހެންނަމަވެސް، ޔުކްރޭން ހަނގުރާމައަށް ނިމުމެއް ނައިސް ދިގުދެމިގެން ދިއުމާ ގުޅިގެން މި އެއްބަސްވުން އުވާލަން ޖެހިދާނެ ކަމުގެ ބިރު މިހާރު އޮތީ ހީވެފަ އެވެ.
އދ. އާއި ތުރުކީން ކުރި މަސައްކަތުން ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ޒުވާރި އެވެ. އެއީ 15.5 މިލިއަން ޓަނެވެ. ގޮދަނާއި ސަންފްލާވާ، ސަންފްލާވާ ތެޔޮ އަދި ބާރުލީ ވެސް ވަނީ މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ބޭރުކޮށްފަ އެވެ.
ޔުކްރޭން ގޮވާން ޑީލް ފަށައިގަތް ދުވަސްވަރު އެކި ކަހަލަ ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. ގޮވާން އުފުލާ ބޯޓުފަހަރަށް ހަނގުރާމައިގެ އުނދަގޫ ފޯރުމާއި ބޯޓުފަހަރު ބަނދަރުކުރާ ބަނދަރުތައް ގޮއްވާލުން ފަދަ ހާދިސާތައް ވަނީ ހިނގާފަ އެވެ.
އަނެއްކޮޅުން، ރަޝިއާއާ އެކު އދ. އިން ވެފައި އޮތް އެއްބަސްވުމާ ޚިލާފަށް ގޮވާން ޑީލުގެ ނާޖާއިޒު ފައިދާ ޔޫރަޕް ގައުމުތަކުން ނަގާކަން ވެސް ވަނީ ފަޅާއަރާފަ އެވެ.
ޔުކްރޭން ގޮވާން ޑީލްގެ އަސްލު އަމާޒަކީ ދުނިޔޭގެ ފަގީރު ގައުމުތަކަށް ކާންދިނުމެވެ. އެހެން ނަމަވެސް، ރަޝިއާއިން ކުރި ދިރާސާއަކުން -- ޔުކްރޭނުން ގޮވާން ހިފައިގެން ދަރުރުކުރާ ބައެއް ބޯޓުފަހަރު ޔޫރަޕްގެ ގައުމުތަކަށާއި އިޒްރޭލަށް ވެސް ވަނީ ގޮސްފަ އެވެ.
ޔުކްރޭން ގޮވާން ޑީލް ކުރިއަށްދާ ގޮތް ތަފުސީލް ކުރައްވައި އީސްޓާން އިކޮނޮމިކް ފޯރަމްގައި ޕޫޓިން ކަންބޮޑުވުން އޭރު ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ގޮވާން ޑީލް ކުރިއަށް ދަނީ ގަސްދުކުރެވިފައި އޮތް ގޮތަކަށް ނޫން ކަމަށެވެ.
ރަޝިއަން ސެކިއުރިޓީ ކައުންސިލްގައި ވާހަކަދައްކަވަމުން ވެސް ޕޫޓިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ މިސްރަށާއި އިޒްރޭލަށް އަދި ސައުތު އެފްރިކާއަށް ވެސް ގޮވާން ބޯޓުފަހަރު ދަތުރުކުރި ކަމަށެވެ.
އެންމެ ފަގީރު އަދި ގޮވާމަށް ޖެހިފައި އޮތް ޔަމަނަށާއި ޖިބޫތީއަށް ދިޔައީ އެންމެ ދެ ބޯޓު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.