ދުނިޔެ

ބައިޑަންގެ ސިއްހަތަކީ ގައުމީ ސަލާމަތާ ގުޅިފައި އޮތް މައްސަލައެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތިލެއްވުމަކީ އެދިވެގެންވާ ކަމެއް ނޫން ކަމަށް -- ވައިޓް ހައުސްގެ ކުރީގެ ޑޮކްޓަރު އަދި ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރު -- ރޮނީ ޖެކްސަން ފޮކްސް ނިއުސްއަށް ވިދާޅުވެއްޖެ އެވެ.

ބައިޑަން މިހާރު ހުންނެވީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިޓް ހައުސް އިން އެ ފުރުސަތު ބައިޑަންއަށް ދިނުމަކީ ކުށެއް ކަމަށް ބެލެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޮނީ ޖެކްސަން ވިދާޅުވި ގޮތުގައި ބައިޑަންގެ ސިއްހަތަކީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅިފައި އޮތް ކަމެކެވެ.

ދުނިޔޭގެ މަސްލަހަތު މިހާރު އޮތް ގޮތުން އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވަން ވާނީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގާބިލު ލީޑަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖޯ ބައިޑަންގެ ސިއްހަތާ މެދު ދުނިޔެ މިހާރު އޮތީ ވަރަށް ބޮޑަށް ސަމާލުވެފަ އެވެ. އެއީ މިދާކަށް ދުވަހު އެމެރިކާގެ ކޮލޮރާޑޯގައި އޮތް އެއާ ފޯސް އެކަޑަމީ ހަފުލާއެއްގައި ސެޓްފިކެޓް ބައްސަވަން އުޅުއްވަނިކޮށް ސްޓޭޖް މައްޗަށް ވެއްޓިވަޑައިގެންނެވި ހާދިސާއާ ގުޅިގެންނެވެ.

މި ހަފުލާ ފެއްޓެވި ވަގުތު ބައިޑަން އަށް ވަނީ ޕޯޑިއަމް ހުރި ތަންވެސް އޮޅިވަޑައިގެންފަ އެވެ. އަނެއްކޮޅުން ވެއްޓިވަޑައިގެންފައިވަނީ ވެސް ގިނައިރުތަކެއް ވަންދެން ކޮޅަށް ހުންނެވުމަށްފަހު ހިނގައިގަތް ތަނުންނެވެ.

ވައިޓް ހައުސް އިން ބުނާ ގޮތުން މި ހާދިސާގައި ބައިޑަން އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އަދި ހާލަތު މުޅިން ރަނގަޅު -- މުޅިން ފިޓް ކަމަށް ވިދާޅުވި އެވެ.

ވައިޓް ހައުސް އިން އިން މިހެން ބުނި ނަމަވެސް، އެމެރިކާއަށް އޮތް ބިރަކީ -- ޖެކްސަން ވިދާޅުވި ގޮތުގައި، ޖިސްމާނީ ގޮތުން ޖޯ ބައިޑަން ބަލިކަށިވުމެވެ.

ޖޯ ބައިޑަން އުފަންވެ ވަޑައިގަތީ ނޮވެމްބަރު 20، 1942 ގައެވެ. އޭނާއަށް މިއަހަރުގެ ނޮވެމްބަރުގައި 81 އަހަރު ފުރޭނެ އެވެ. މިއަންނަ އަހަރު -- 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބު އޭނާއަށް ކާމިޔާބުކުރެވިއްޖެ ނަމަ، ދެ ވަނަ ދައުރު ނިމޭއިރު ބައިޑަންއަށް 86 އަހަރު ފުރޭނެ އެވެ.

ނަފުސާނީ އިލްމުވެރިން ބުނާ ގޮތުން އިންސާނެއްގެ ގާބިލުކަން އުމުރު ދޮށިވަމުންދާ ވަރަކަށް ގެއްލެމުންދާނެ އެވެ. އެހެންކަމުން ޒިންމާ ބޮޑު ވަޒީފާތައް ދޫކޮށް އަރާމު ދިރިއުޅުމަކަށް މީހާ ބަދަލުވާން ޖެހޭނެ އެވެ.

ބައިޑަން މިހާރު ވެސް ވަނީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 2024ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެމެރިކާގެ 62 ޕަސެންޓް މީހުން ބައިޑަންގެ ނަފުސާނީ ގާބިލުކަމާ މެދު ސުވާލު އުފައްދަ އެވެ.