ރައީސް މުހައްމަދު ނަޝީދު

ކަނޑުގެ މައްސަލައިގެ ލިޔުންތައް ބަންޑާރަނައިބު މަޖިލީހަށް ހިއްސާކުރި: ނަޝީދު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި ލިޔެކިޔުންތައް ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން މައްސަލައިގެ ލިޔުންތައް މަޖިލީހަށް ހުށަހެޅުއްވި ކަމަށް ރިފްއަތު ވިދާޅުވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ލިޔުންތައް މަޖިލީހަށް ލިބިފައިވާ ކަމަށާއި މައްސަލަ ނިމެންދެން ލިޔުންތައް ސިއްރުކުރުމަށް ބަންޑާރަނައިބު އެދިވަޑައިގެންފައިވާ ކަމަށެވެ.

"އޭގެ ބޭނުމަކީ އެއްވެސް ފަރާތަކުން ދިވެހިރާއްޖެއާ އިދިކޮޅަށް މި މައްސަލައިގައި ބޭނުންކުރެވިދާނެ ފަދަ ލިޔުމެއް، ހެއްކެތް، ގަރީނާއެއް ބޭރަށް ނުކުމެދާނެ ކަމަށްޓަކައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަނައިބުގެ ސިޓީގެ ތާރީހަކީ ފެބްރުއަރީ 17. 2022 ނަމަވެސް މަޖިލީހަށް ސިޓީ ލިބުނީ އެހެން ތާރީހެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ތަފުސީލެއް ރައީސް ނަޝީދު ނުދެއްވަ އެވެ.

"މި މައްސަލައިގައި ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔުންތަކުގައިވާ ކަންކަމަކީ ހުޅުވާލައިގެން ބޭއްވޭނެ މި މައްސަލައިގެ އަޑުއެހުން ބޭއްވުމާއި ހަމައަށް ސިއްރު ހިފަހައްޓަންޖެހޭ ކަންކަން ކަމުގައިވާތީ އެ ތަފުސީލުތައް ހާމަނުކުރުމަށް ދިވެހިރާއްޖެ ތަމްސީލު ކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގްވާމީ ވަކީލުން ވަނީ ލަފާ ދެއްވާފަ،" ސިޓީ ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިޓްލޮސްގެ މައްސަލަ ނިމުމުން މައްސަލައިގެ ލިޔުންތައް މަޖިލީހުގެ މެންބަރުންގެ ޕޯޓަލްގައި ހިއްސާކުރެއްވި ކަމަށެވެ.

ބަންޑާރަނައިބު ހިއްސާކުރެއްވި ލިޔުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ނުހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.