ރައްޔިތުންގެ މަޖިލިސް

"އޮޅުމެއް ނެތް، ބިލު ޑްރާފްޓްކުރުން ކުރިޔަށް ދާނެ"

Oct 14, 2019
2

ގާނޫނު ހެދުމުގެ އެންމެހާ މަސައްކަތް ގާނޫނުއަސާސީން ހަވާލު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެހެން ކަމުން ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ސަރުކާރުގެ ފަރާތުން ގާނޫނުތައް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ ދައުލަތުގެ ބަންޑާރަނައިބެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ އިރުޝާދާއެކު މަޖިލީހުން ވަނީ ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލުތައް މަޖިލީހުގައި ޑްރާފްޓު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމާ ގުޅިގެން ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއި ބައެއް ވަޒީރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ރައީސް ނަޝީދު ވަނީ އެ މައްސަލަ އަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ "ތިޔަ ބޭފުޅުންނަށް އޮޅިވަޑައިގެންފާނެތީ" ބައެއް ކަންކަން ހަނދާން ކޮށްދޭން ބޭނުންފުޅުވެ ވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގާނޫނު ހެދުމުގެ ބާރު އޮތީ މަޖިލީހަށް ކަން ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާތައް ރައީސް ނަޝީދު ވިދާޅުވެ ދެއްވި އެވެ.

"މި މަޖިލީހުން ގާނޫނު ހަދާނީ. ބަންޑާރަނައިބު އޮފީހުން ހައްދަވަން ބޭނުންވާ ގާނޫނެއް މި މަޖިލީހަށް ހުށަހެޅުމަށް އެއްވެސް ހާލެއްގައި ހުރަހެއް ނެތް، އަދި މި މަޖިލީހުން ހަދާ ގާނޫނެއް ހެދުމުގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކާއި މުއައްސަސާތައް ބޭނުން ކުރުމާއި މަޝްވާރާ ހޯދުމަކީ ވެސް މުހިންމު ކަމެއް، އެކަމަކު ގާނޫނު ހަދާ މަޖިލީހަކީ މިއީ،" ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލާގައި މީގެ ކުރިން ރިއްފަތު ކުރެއްވި ޓްވީޓެއްގައި "ނަޒާހަތްތެރި މަޖިލީހަކުން" ސަރުކާރުން ބިލުތައް ހުށަހެޅުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ނަޒާހަތްތެރިކަމާ ގުޅިފައި އޮންނާނީ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކޮށްގެން މެންބަރުންގެ ގޭގެ ލައިގެންކާނެ އެއްޗެއްސަށް ނުވަތަ އަންނައުނަށް ހަރަދު ކުރުން ނޫން ކަމަށެވެ.

މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރާނީ ގާނޫނުތައް ހަދަން ކަމަށާއި އެކަން އެއްވެސް ވަރަކަށް އޮޅިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގައި ކުރިޔަށް އޮތްތަނުގައި ވެސް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަޔަށް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ދައުލަތުން އިންތިޒާމްކޮށްފައި އޮންނަ ގޮތަކީ ވަސީލަތްތައް ބޭނުން ކުރަނީ ގާނޫނު ހަދަން ކަމަށް. އެހެންވެ ރައްޔިތުންގެ މަޖިލީހުން ގާނޫނު އެކުލަވާޅުމުގެ މަސައްކަތް ދާނީ ކުރިޔަށް،" ރައީސް ނަޝީދު އިތުރަށް ވިދާޅުވި އެވެ.