އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތާ އެކު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި އެ އޮފީހުގެ ދެ އަންހެން މުވައްޒަފަކަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު އަނގަ ބަހުން ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ހޫނުވެއްޖެ އެވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތާ އެކު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވީ ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުން އިދިކޮޅު މެންބަރުން ގެންދެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިފްއަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ނިޒާމީ މައްސަލަ ނަންގަވައިގެން މެންބަރުން ފާޑު ވިދާޅުވަމުން ގެންދަވަނިކޮށް މެންބަރު ސަލީމުވެސް ނިޒާމީ މައްސަލައެއް ނެންގެވި އެވެ. މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދެއްވުމުން ސަލީމު ވަނީ ރިފްއަތާ އެކު ތިއްބެވި ދެ އަންހެން ބޭފުޅުންނަކީ "18 އަހަރު ނުފުރޭ ދެ ކުދިންތޯ"އޭ ވިދާޅުވެ ސުވާލެއް އުފައްދަވާފަ އެވެ.
"ބަންޑާރަ ނައިބުގެ ދެ ފަރާތުގައި ތި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ،" ސަލީމް އެއްސެވި އެވެ.
ސަލީމު އެގޮތަށް ވިދާޅުވުމުން ނިޒާމީ މައްސަލައެއް ނަންގަވާ އެއީ ފުރައްސާރައެއް ކަމަށް ވިދާޅުވެ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްދެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމު އެެވެ.
މީކާއިލްގެ ނިޒާމީ މައްސަލަ ބަލައިގަތުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަލީމްގެ ވާހަކަފުޅާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެގޮތަށް މުހާތަބު ނުކުރެއްވުމަށް ދަންނަވާފަ އެވެ.
"އެއްވެސް އިއްޒަތްތެރި މެމްބަރަކު މިތަނަށް ވަޑައިގަންނަވާ ހާއްސަކޮށް ޖިންސުއްލަތީފުންނާ ގުޅޭ ގޮތުން ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކުމަށް ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
ސަލީމުގެ ވާހަކަފުޅާ ގުޅޭ ވީޑިއޯ ޓްވިޓާގައި މީކާއިލް ފަހުން ވަނީ އާންމުކުރައްވާފަ އެވެ. އަދި އޭނާގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާ އެކު ތިއްބަވާ އަންހެންނުންނަށް ކުޑައިމީސްކޮށް، ފޮށެން ފެށުނު މިދުވަހަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގައި ކަޅު، ހުތުރު ދުވަހެއް ކަމަށެވެ.
ސަލީމުގެ ވާހަކަފުޅަށް ބައެއް އާންމުންވެސް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.