ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްއަށް ބިރު ދައްކާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

"ދަ ޑިމޮކްރެޓްސް" އަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މިމަހުގެ ފުރަތަމަ ދުވަހު އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން "ވަގަށް" ހޯދާފައިވާ ކަމަށެވެ. އަދި ޕާޓީއަށް ސޮއިކުރި މީހުންނަށް ސަރުކާރުން ގުޅައި ބިރުދައްކަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުގެ މިނިސްޓަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުން،" ހަސަން ލަތީފް ވިދާޅުވި އެވެ.

"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި މީހުންނަށް ސަރުކާރުން ގުޅައި ގޯތި ނުވަތަ ފްލެޓަށް ފޯމު ހުށަހެޅިތޯ ސުވާލުކުރާ ކަމަށާއި ދަރިފުޅު ސްޓޫޑެންޓް ލޯނަށް ހުށަހެޅިތޯ ސުވާލުކުރާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި އޭނާ ބަހައްޓަން ބޭނުންނަމަ "ޑިމޮކްރެޓްސް" އަށް ކޮށްފައި އޮތް ސޮއި އަނބުރާ ނެގުމަށް،" އަންގާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން އުޅޭ ސިޔާސީ ޕާޓީ -- "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ސޮއި ހަމަކޮށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އެޕާޓީން މިމަހުގެ އެއްވަނަ ދުވަހު ވަނީ 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

"ދަ ޑިމޮކްރެޓްސް" އަށް ސަރުކާރުން ބިރު ދައްކާ ކަމަށް އެ ޕާޓީން ތުހުމަތުކުރާއިރު އެ ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން އަދި އެމްޑީޕީންވެސް ބިރު ނުދައްކާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވަނީ ވިދާޅުވެފަ އެވެ.