ރައީސް މުހައްމަދު ނަޝީދު

ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅައިފި

Jun 7, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅައިފި އެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ އެކަން އިއުލާން ކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނުމަށްފަހު އެވެ. މީގެތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް މަޖިލީހުގެ ޖަލްސާގައި އިއުލާންކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ. މީގެއިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވުމާއި ހިނގާ ބަހުސްތަކުގައި ބައިވެރިވުމާއި، ބައެއް މެންބަރުންނާ މެދު ޒާތީ ތައައްސަބެއް ގެންގުޅުއްވުމާއި އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގެ ރައީސް ހުރަސް އެޅުއްވުންވެސް ފާހަގަކޮށްފައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖުމްލަ 54 މެންބަރުން ސޮއިކުރައްވާފައިވެ އެވެ. މީގެތެރޭގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ސޮއި ސޮއިކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުން ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެންބަރުން ތިއްބެވިއިރު ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް މިވަގުތު 56 މެންބަރުން އެބަތިއްބެވި އެވެ.