ހަބަރު

ރައީސް ޔާމީން ހައްޔަރުކުރަން ނަޝީދު ސިފައިންނަށް ދެންނެވި: ނަޝީދުގެ އޮފިސް

Feb 7, 2016
2

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނު ކަމުގެ މައުލޫމާތު ލިބުމުން ސިފައިންގެ އިސްވެރިޔެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ގުޅުއްވައި އެވާހަކަ ދަންނަވާފައި ވާ ކަމަށް ނަޝީދުގެ އޮފީހުން މިއަދު ބުނެފި އެވެ.

ސައްހަ ނޫން ކޯޓުއަމުރެއް ނެރެ، ރައީސް ޔާމީން ހައްޔަރު ކުރުމަށް އިނގިރޭސިވިލާތުގައު ހުންނެވި ނަޝީދު ސިފައިންނަށް ގުޅައި އެކަމަށް ބާރުއެޅި ކަމަށް ފުލުހުން މިއަދު ބުނެފައި ވާތީ، ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ނެރުނު ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ނަޝީދު ބްރިގޭޑިއޭ ޖެނެރަލް މަންސޫރާ ގުޅުއްވައި އެފަދަ އަމުރެއް ލިބިވަޑައިގެންފައި ވޭތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި ނަޝީދު ޒަކަރިއްޔާ މަންސޫރަށް ދެންނެވީ ކަންކަން ރަނގަޅަށް ކުރެއްވުމަށް ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އަދި ބުނެފައި ވަނީ ރައީސް ޔާމީން ހިންގަވަމުން ގެންދަވާ ބޮޑެތި ޖަރީމާތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމުން ރާއްޖެ ސަމާލަތް ކުރުމަށް ކުރައްވަން ޖެހެނު ކޮންމެ ކަމެއް ނަޝީދު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދު ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ގުޅުއްވީ އެފަދަ ވާހަކައެއް އަޑުއިވި ވަޑައިގަތީމާ ކަމަށާއި، އެވާހަކަ ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް އަޑުއިވި ވަޑައިގެންފައިވޭތޯ ސުވާލު ކުރައްވައި ކަންކަން ރަނގަޅަށް ކުރެއްވުމަށް ދެންނެވިއެވެ. ރައީސް މުޙައްމަދު ނަޝީދަކީ، ދިވެހި ރައްޔިތުންގެ ތާޢީދު އެންމެ ބޮޑަށް މިވަގުތުވެސް އޮތް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާއެވެ. ރާއްޖޭގެ ކަންކަން މިވަގުތު ހިނގަމުންދާ ގޮތާމެދު ރައީސް މުޙައްމަދު ނަޝީދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވައެވެ،" ބަޔާނުގައިވެ އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުންޏެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައީސް ޔާމީން ހިންގަވާފައިވާ އިންތިހާއަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، މަނީ ލޯންޑްރިން އާއި މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކޮށްފައިވާ ސިހުރު ހެދުމުގެ މައްސަލަތަކަކީ ފުލުހުން މިހާރުން މިހާރަށް ތަހުގީގު ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ. އެމައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް އެޅިފައި އޮތް ހުރަހަކީ ރައީސް ޔާމީން ވީއްލިފައި ހުންނެވުން ކަމުގައި ވަނީ ނަމަ ރައީސް ޔާމީން ހައްޔަރުކުރައްވައިގެން ވެސް އެމައްސަލަތައް މިވަގުތު ތަހުގީގު ކުރުމަށް ދިވެހި ސަލާމަތީ ބާރުތަކަށް ނަޝީދު ގޮވާލައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.