މުހައްމަދު ނާޒިމް

ނާޒިމުގެ މެނިފެސްޓޯ: މާލީ ބުރަތަކަށް ބޮޑެތި ލުއިތަކެއް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަން ހިމަނާފައިވާ މެނިފެސްޓޯ ނެރެފި އެވެ.

މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި "އުޖާލާ ޒަމާން" މެނިފެސްޓޯ ނެރުނުއިރު މިއީ މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކެންޑިޑޭޓަކުން މެނިފެސްޓޯ ނެރުނު ފުރަތަމަ ފަހަރެވެ.

ނާޒިމުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރެއްގައި އެކި މުއްދަތުތަކުގައި ކުރާނެ ކަންކަން މެނިފެސްޓޯގައި ބަހާލާފައިވަނީ މައިގަނޑު ނުވަ ކަމެއްގެ މައްޗަށެވެ.

މެނިފެސްޓޯގައި ހިމެނޭ ފާހަގަކޮށްލެވޭ ކަންކަމުގައި ތެރޭގައި ސިޔާސީ ބޭފުޅުންގެ ނުފޫޒުން ޖޭއެސްސީ މިނިވަންކޮށް އަދުލު އިންސާފުގެ ދާއިރާގެ ނަޒާހަތްތެރިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުން ބޭނުންވާނަމަ ރިކޯލް ވޯޓެއް ނަގައި މަޖިލިސް މެންބަރުން ވަކިކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ 30 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ހުއްޓާލުމާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން ހިމެނެ އެވެ.

ގޯތީގެ ރަޖިސްޓަރީއާ އެކު ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސައިދިނުމާއި، އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުމާއި، ސަލާން ޖަހައިގެން ބޭސް ފަރުވާ ހޯދުން ނިމުމަކަށް ގެނައުމަށްޓަކައި މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކުރުމާއި، ދިރިއުޅޭ ގެތަކުގައި އުފެދޭ ކުނި ހިލޭ އުކާލަ ދިނުމާއި، ގޭންގުތަކާ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ މީހުންގެ އަމަލުތައް ހުއްޓުވުމަށް އެކަމާ ގުޅޭ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް ސިޔާސަތެއްގެ ތެރެއިން މަސައްކަތް ކުރުންވެސް ހިމެނެ އެވެ.

މެނިފެސްޓޯގައި ދައުލަތުން މިހާރު ދޭ ބައެއް އެލަވަންސްތައް ބޮޑުކޮށް އަދި ބައެއް އެލަވަންސްތައް އަލަށް ތައާރަފްކުރަން ހިމަނާފައިވެ އެވެ. އެގޮތުން އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާގެ އިނާޔަތެއް ދިނުމާއި، ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރުމާއި، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް ހިލޭ ކޮށްދިނުމާއި، އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4000 ރުފިޔާއަށް ބޮޑުކުރުމާއި، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދިނުމާއި ވަކި ވަރަކަށް ވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުމަށްވެސް ހިމަނާފައިވެ އެވެ.

މަސްވެރިކަމަށް ހާއްސަ އުޅނަދުތަކުގައި އާރްއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ބެހެއްޓުމަށް އިންޓަރެސްޓް ނާރާ ގޮތަށް ލޯން ދޫކުރުމާއި، މަސްވެރިންނާއި ދަނޑުވެރިންނާއި މަހުން މަހަށް ފިކްސްޑް މުސާރައެއް ނުލިބޭ އެހެންވެސް މަސައްކަތްތެރިންނަށް ހާއްސަ ޕެންޝަން ސްކީމެއްގައި ހިމެނުމާއި، ކޮތަޅުން މިހާރު ނަގަމުންދާ ދެ ރުފިޔާ ޓެކްސް ކަނޑާލުމާއި، ރާއްޖޭގެ ތިން ސަރަހައްދެއްގައި އާބަން ސެންޓަރު އުފެއްދުންވެސް ހިމަނާފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގައި ބޮޑުވެފައި އޮތް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، ކޮލިޓީ ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި، ދަނޑުވެރިކަމަށް ހާއްސަކޮށްގެން ހިލޭ ބިން ދޫކުރުމާއި ރާއްޖޭގައި އުފައްދާ ތަކެތި އުފެއްދޭ މިންވަރަށް ބަލައި އެފަދަ ތަކެތި އިމްޕޯޓް ކުރުން ކޮންޓްރޯލް ކުރުމާއި ސަރުކާރުން ގެސްޓް ހައުސް އަޅައިދީ އެތަންތަން ހިންގުމަށް ތަޅުދަނޑި ހަވާލުކުރުމާއި، މާލޭގައި ބަސް ދަތުރުތައް ދިވެހި ރައްޔިތުންނަށް ހިލޭ ކޮށްދީގެން ވެހިކަލް ކޮންޓްރޯލް ކުރުން ހިމެނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުންވާލި ކަމަށް ބުނާ ބައި އަނބުރާ ހޯދަން މަސައްކަތް ފެށުމާއި، މިސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިއްރު ސިޓީ ހާމަކުރުމާއި، މިނިސްޓްރީ އޮފް ހެޕިނަސްގެ ނަމުގައި މިނިސްޓްރީއެއް އުފެއްދުމާއި، ސްކޫލުތަކުގައި އިންޓަނެޓް ކަނެކްޝަން 6 ޖީބީޕީއެސް އަށް މަތިކުރުމާއި، އިތުރަށް ޓިއުޝަން ދޭން ނުޖެހޭ ވަރަށް ސްކޫލުތަކުގައި ކިޔަވައިދީ ޓިއުޝަން ނެގުން ހުއްޓުވާލުމާއި، ޕްރީ ސްކޫލު މަރުހަލާއިން ފެށިގެން ޕީއެޗްޑީއަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެއްސުމާއި، ޑޮމެސްޓިކް ފެން ބިލުން 3،000 މީޓަރުގެ ފެން ހިލޭ ކޮށްދިނުމާއި، ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ ކޮށްދިނުންވެސް ނާޒިމުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

މިޖަލްސާގައި ވަނީ "ނާޒިމް 2023"ގެ ނަމުގައި ހާއްސަ ވެބްސައިޓެއްވެސް އިފްތިތާހްކޮށްފަ އެވެ.