ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރާމެދު ރައްޔިތުން މެދުގައި އޮތް އިތުބާރު ކުޑަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރުގެ ސަރުކާރު އުފެދުނީ ކޯލިޝަނަކުން ކަމަށާއި އެ ކޯލިޝަން ރޫޅިއްޖެނަމަ ރައްޔިތުންގެ ހިތުގައި ސަރުކާރަށް އޮތް އިތުބާރު ވަރަށް ކުޑަވާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވި އިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕީޕީއެމްގެ ކޯލިޝަން ރަސްމީކޮށް ރޫޅާލަން ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމައި އެކަން ރަސްމީކޮށް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
ޖޭޕީގެ ހިންގާ ކޮމެޓީގެ ނިންމުން އިއްޔެ އާއިރު މީގެ ކުރިން އެ ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމާއި އެޕާޓީގެ ބައެއް އިސްވެރިން ވަނީ އިއުލާންކޮށްފައެވެ ނަމަވެސް ޖޭޕީން މިހާތަނަށް ބުނަމުން އައީ ކޯލިޝަން އުވިގެން ނުދާ ކަމަށެވެ.
ޖޭޕީން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ރައީސް އަދި ވީޓީވީ އާއި ވީއެފްއެމާއި ވީނިއުސް ހިންގާ ވީމީޑީއާގެ ޗެއާމަން އަމީން އިބްރާހިމް ވިދާޅުވީ ޕީޕީއެމާއި ޖޭޕީ ގުޅިގެން ސަރުކާރެއް ގެނައި އިރު އެ ސަރުކާރު ގެނައުމަށް ހެދި ކޯލިޝަން އެގްރީމެންޓާ ޕީޕީއެމުން ހިލާފުވެ އެކި ގޮތްގޮތަށް އަމަލު ކުރަމުން ގޮސް ކޯލިޝަން އެގްރިމެންޓް ރޫޅިފައިވާކަމަށް ޕީޕީއެމުން ބުނަމުން އަންނަކަން އެއީ ސިއްރެއް ނޫން ކަމަށާއި ނަމަވެސް މިހާތަނަށް ރަސްމީކޮށް އުވާލެވިފައި ނުވާ އެ އެގްރިމެންޓް ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ އިއްތިފާގުން އުވާލާފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ އިހުލާސްތެރި ކަމާއެކު ޖޭޕީއާއި ޕީޕީއެމުން ގެނައި ސަރުކާރާއެކު މިހާތަނަށް އާއިރު ގާނޫނާއި ގަވައިދުތަކާ ހިލާފު އަދި ގާނޫނުގެ ރޫހާ ހިލާފަށް އެތައް ކަމެއް ސަރުކާރުން ކުރަމުންދާއިރު މިހާރު އޮތީ ޕީޕީއެމްގެ ސަރުކާރެއްތޯ ނުވަތަ ޕީއޭގެ ސަރުކާރެއްތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.