އޮބިޗުއަރީ

އައްޑު އަތޮޅުގެ ހިދުމަތްތެރިޔާ މުހައްމާދީ އަވަހާރަވެއްޖެ

އައްޑުއަތޮޅަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު އިބްރާހީމްދީދީ (ތުއްބީގެ މުހައްމާދީ) އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 86 އަހަރުގައި މުހައްމަދު އިބްރާހީމް ދީދީ އަވަހާރަވީ ރޭގެ ވަގުތެއްގައި އައްޑު އަތޮޅުގަ އެވެ.

ދިވެހި ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދު އިބްރާހީމް ދީދީ ވަނީ އައްޑޫ ސިޓީގެ ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑު އަތޮޅުގެ އަތޮޅުވެރިޔާގެ މަގާމުވެސް ފުރުއްވާފަ އެވެ.

މުހައްމަދު އިބްރާހީމް ދީދީގެ ދެ ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިސް މަގާމުތަކުގައިވެސް އެބަތިއްބެވި އެވެ. އެއީ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ސްޓެލްކޯގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ކުރީގެ ބްރިގޭޑިއަލް ޖެނެރަލް އިބްރާހީމް މުހައްމަދުދީދީ އެެވެ.

މުހައްމަދު އިބްރާހީމް ދީދީ ދައުލަތަށް ކުރެއްވި ހިދުމަތް ފާހަގަކުރައްވާ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އޭނާއަށް ދެއްވާފަ އެވެ.