ދުނިޔެ

ޝީ ޖިންޕިންގެ ދައުވަތަކަށް މަހްމޫދު އައްބާސް ޗައިނާއަށް

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އަންނަ ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.

އައްބާސްގެ މި ދަތުރަކީ ޗައިނާ މެދުވެރިކޮށް ފަލަސްތީން-އިޒްރޭލު ސުލްހައަށް މަޝްވަރާ ކުރައްވައި ގޮތެއް ނިންމެވުމަށް ބާރުއެޅުއްވުމަށް ކުރައްވާ ދަތުރެކެވެ.

ޗައިނާ ފޮރިން މިނިސްޓްރީންގެ ތަރުޖަމާން ވާ ޗުނިންގް ވިދާޅުވި ގޮތުގައި އައްބާސް ޗައިނާއަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރެއްގަ އެވެ. ދަތުރު ތާވަލުކުރެވިފައި އޮތީ ޖޫން 13 އިން 18 އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުކަމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ޗިން ގަންގްގެ ވިސްނުމުގައި ފަލަސްތީން، އިޒްރޭލު ހަމަނުޖެހުންތައް ހުއްޓާލައި ސުލްހަވާން ޖެހެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އައްބާސްއާ ވަކިވަކިން މަޝްވަރާ ކުރައްވައި -- ޗިން ގަންގް ވަނީ ދެ ގައުމުގެ ސުލްހައަށް މަޝްވަރާކުރުމަށް މެދުވެރިވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލާއި ފަލަސްތީންގެ ފޮރިން މިނިސްޓަރުންނާ ވެސް ޗިން ގަންގް މަޝްވަރާކުރެއްވި އެވެ. އަދި ޗައިނާގެ ވިސްނުމަކީ ފަލަސްތީނަށް ވަކި ދައުލަތެއް -- އިޒްރޭލަށް ވަކި ދައުލަތެއް އޮތުން ކަމަށް ޚާރިޖީ ވަޒީރުންނަށް ދެންނެވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ފަލަސްތީން އާއި އިޒްރޭލާ ދެމެދު ޒަމާން ފެށުނީއްސުރެ ކުރެވެމުން އަންނަ މަޝްވަރާތައް އަދިވެސް ކޮޅެއްގައި ނުޖެހެ އެވެ. އެންމެ ބޮޑުވަރަކަށް ވަނީ -- ހަމަނުޖެހުންތައް ބޮޑުވެ މަޝްވަރާތައް ހުއްޓާލުމެވެ. މަޝްވަރާތައް މިހާރު ވެސް އޮތީ ހުއްޓިފަ އެވެ.

މިހެން ކަން އޮތް ނަމަވެސް، ޗައިނާގެ ސިޔާސަތަކީ ކޮޅުބެދި ހުއްޓިފައި އޮތް މަޝްވާރާތައް އަލުން ފެށުމެވެ.

ޗައިނާގެ ޚާރިޖީ ސިޔާސަތަށް ގެނައި ހެޔޮ ބަދަލާ އެކު ޚިޔާލު ތަފާތުވުމުގެ ސަބަބުން ފުށުއަރައި މޫނުއަނބުރާފައި ތިބި ގައުމުތައް އެއްގަލަކަށް އެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދީފަ އެވެ.

މިގޮތުން ސައޫދީ އަރަބިއްޔާ އާއި އީރާން އެއް މޭޒުދޮށަށް ގެނެސް ވަނީ ސުލްހަކޮށްފަ އެވެ.

ޗައިނާއިން މިހާރު ވެސް ވަނީ ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް ރޭވުންތަކެއް ފަށާފަ އެވެ. ފަލަސްތީން އާއި އިޒްރޭލު ސުލްހަކުރުމާއި ސީރީއާއަށް ހެޔޮ ބަދަލުތަކެއް ގެނައުން އަދި ސޫދާންގެ މައްސަލަ ވެސް އޮތީ ޗައިނާގެ އެޖެންޑާގަ އެވެ.