ދުނިޔެ

ޣައްޒާ ހަމަލާތައް ހުއްޓާލަންދެން އިޒުރޭލާ އެކު ވިޔަފާރިއެއް ނުކުރާނެ: ތުރުކީ

ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލު ސިފައިން އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމުކުރެވެންދެން އިޒުރޭލާ އެކު ވިޔަފާރިކުރުން ނޯންނާނެ ކަމަށް ތުރުކީގެ ރައީސް ރަބަޖް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގެ ޔަހޫދީ އާބާދިތަކަށް އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އަރައިގަތުމާ ގުޅިގެން އުފެދިގެން އުޅޭ ހަމަނުޖެހުންތަކުގައި އިޒުރޭލާ ދެކޮޅަށް އެންމެ ހަރުކަށި އިބާރާތުން ބަސްބުނެ ފާޑުކިޔާ ދައުަލަތަކީ ތުރުކީ އެވެ.

ހަމާސްއަށް ތާއީދުކުރެއްވުމުގައި އުރުދުޣަން ފެނިވަޑައިގަންނަވަނީ ވަރުބަލިކަމެއް ނެތް އަދި އުރުދުޣާންގެ ސަރުކާރަށް ލިބިގެންވާ ބާރުތައް ވަރަށް ރަނގަޅަށް ބޭނުން ހިއްޕަވާ ލީޑަރެއްގެ ގޮތުގަ އެވެ.

ތުރުކީގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އިޒުރޭލާ އެކު ވިޔަފާރި ގުޅުން އަލުން ފެށުމަށް އޮތް އެންމެ ކުޑަ ޝަރުތަކީ، ޣައްޒާއަށް ހިފެހެއްޓުމެއް ނެތް ގޮތުގައި އިންސާނީ އެހީ ވައްދަން ހުއްދަދިނުމެވެ. އަދި އެހީ ހިފައިގެން ވަންނަ އެއްވެސް ޣާފިލާއަކަށް ހަމަލާ ނުދިނުމެވެ.

އިޒުރޭލުން އެހީގެ ޣާފިލާތަކަށް ހަމަލާދިނުން އދ އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ނަމަވެސް އިޒުރޭލުން ބުނާ ގޮތުން އެހީގެ ޣާފިލާތަކަށް އަސްކަރިއްޔާއިން ހަމަލާދީފައެއް ނޯންނާނެ އެވެ.

އިޒުރޭލާ ދެކޮޅަށް ތުރުކީން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނަށް އެއްވެސް ދަތިކަމެއް މެދުވެރިވޭތޯ ތުރުކީން ވަރަށް ގާތުން ބަލާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި ފަލަސްތީނަށް ބޭނުންޖެހޭ ހުރިހާ ކަމެއް ފުއްދައި ދިނުމުގައި ތުރުކީ އޮޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ތުރުކީން ވަނީ މީގެ ކުރިންވެސް އިޒުރޭލަށް ދަތިކޮށްފަ އެވެ. އެ ފަހަރު ތުރުކީ ވަނީ އިޒުރޭލުގެ އަސްކަރިއްޔާއަށް ބޭނުން ޖެހިދާނެ ހުރިހާ އެއްޗެއް، ތުރުކީ މެދުވެރިކޮށް ފޮނުވުން ހުއްޓާލާފަ އެވެ.

އިޒުރޭލަށް ދަތިކުރަން ތުރުކީން މިފަހަރު އެޅި ފިޔަވަޅުގައި 54 ބާވަތެއްގެ މުދާ ފޮނުވުން ވަނީ ހުއްޓާލާފަ އެވެ. މީގެތެރޭގައި ކެމިކަލްގެ ބާވަތްތަކާއި ސިނާއަތްތަކަށް ބޭނުންވާ މެޝިންތައް އަދި ކޮންސްޓްރަކްޝަނަށް ބޭނުންވާ މާއްދާތައް ހިމެނެ އެވެ.

ތުރުކީގެ ފަރާތުން މިހާރު ފެންނަނީ އިޒުރޭލު ބުނާ ގޮތުން ޑިކްޓޭޓަރުންގެ ކިބައިން ފެންނަ ސިފަތަކެވެ. ބައިނަލްއަގްވާމީ ވިޔަފާރި އެއްބަސްވުންތައް އުވާލުމަކީ ކުށެއްކަން ތުރުކީއަށް ނޭނގެނީތޯވެސް އިޒުރޭލުން ސުވާލުކުރެ އެވެ.